ޚަބަރު

މިލަންދޫ ބަނދަރުގެ ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް ފަށައިފި


ށ.މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން ރިވެޓްމަންޓް ޕްރޮފައިލްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް އެމަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން އެރަށުގައި މިހާރު އޮތް ބަނދަރުން 17900 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށް، 70400 ކިއުބިކް މީޓަރުގެ އައު ބަނދަރެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 8400 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ނެރު ފުންކޮށް 93 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.

2500 އެއްހާ މީހުންގެ އާބަދީއެއް އޮންނަ މިލަންދޫގެ ބަނދަރު ކުޑަވުމުގެ ސަބަބުން ވިޔަފާރިވެރިންނަށާއި، ލޯންޗާއި މަސްދޯނި ފަދަ އުޅަނދުތައް ގެންގުޅޭ ފަރާތްތަކަށް ގިނަ ގޮންޖެހުންތަކެއް ހުންނަ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި އެ ރަށަކީ އަތޮޅުތެރޭގެ ގިނަބަޔަކު ވިޔަފާރިކުރުމަށްވެސް އަންނަ ރަށަކަށް ވުމާއެކު ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު އެރަށަށް އަރާ ފައިބާކަން ފާހަގަކުރައްވާ އާތިފް ވިދާޅުވީ، ރަށަށް އަންނަ ފެރީތައް ވެސް އަޅާނެ ޖާގަ މިހާރު ނުހުންނަކަމަށެވެ. އަދި ބަނދަރުގެ މަސައްކަތް ނިމުމުން ރަށަށް ދިމާވެފައިވާ ތެޔޮ ލިބުމުގެ ދަތިކަމަށްވެސް ހައްލެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު މިބަނދަރު ވެގެންދާނީ ރާއްޖޭގައި މިހާރު ތަރައްގީކޮށްފައިވާ ބަނދަރުތަކުގެ ނިސްބަތުން ފެންވަރު ރަނގަޅު ބަނދަރަކަށްކަމަށާއި އަދި މިއީ ވަރަށް ރަނގަޅަށް ޕްލޭންކުރެވިގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

ށ.މިލަންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 79 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.