ކުރިއަށްއޮތް ރަމަޟާންމަސް ނިމުމުން 6 ރަށެއްގައި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހަށްފަހު މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށް، ތ. ވޭމަންޑޫގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހއ.ބާރަށް، ތ. ވޭމަންޑޫގައި ބިނާ ކުރާ މިސްކިތްތަކަކީ 300 މީހުންނާއި 500 މީހުން އަދި 700 މީހުންގެ ޖާގައިގެ މިސްކިތްތަކެއްކަމަށެވެ. އަދި މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކޮށް، އެއަރ ކޮންޑިޝަންކޮށް، ނެވިލޯން އަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މިސްކިތްތައް ޑިޒައިން ކޮށްފައިވަނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމްތައް ހިމެނޭގޮތަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިސްކިތްތައް ބިނާ ކުރުމުގެ މަސައްކަތް ރަމަޟާންމަހަށް ފަހު ފަށާނެކަމަށެވެ.
ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި މާޙައުލާއި ގުޅޭގޮތަށް ޑިޒައިންކޮށްފައިވާ މިސްކިތްތަކެއްކަމަށެވެ.
ވަޒީރު ޝަހީމް ވިދާޅުވީ މިހާރު ކުރިއަށްދާ 35 މަޝްރޫޢުއާއި އަލަށް އަޅަންފަށާ 6 މިސްކިތާއެކު 41 މަޝްރޫޢުއެއް ކުރިއަށްދާކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީގައި 12 މަޝްރޫއެއް ކުރިއަށްދާކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރާއްޖޭގެ 42 ރަށެއްގައި މިސްކިތް ބިނާކުރަން ޖެހިފައިވާކަމަށެވެ.
"އަޅުގަނޑު ހިތަށް އަރާ ރަމަޟާން މަހު އެންމެންވެގެން މިސްކިތް އަޅަން ހުޅުވާލަން. މިސާލަކަށް އާޑިޒައިންގެ 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ޚަރަދުވާނީ ބީއޯކިއުގައިވާ ގޮތުން 6 މިލިއަން ރުފިޔާ. މި އަދަދު 6 ހާސް މީހުންވެގެން ނަމަ އެއީ މީހަކަށް އެއް ހާސް ރުފިޔާ! ކިހަ ގިނަ ސަވާބު ލިބޭނެ ކަމެއްމީ! އަމިއްލަ ޖަމިއްޔާއަކުން މިކަމަށް އިސް ނަގައި މި ފަދަ ކެމްޕޭނެއް ގެންދާ ނަމަ، މިނިސްޓްރީން އެކަމަށް ފުރިހަމަ ތާއިދު ދޭނަން. ނުވަތަ ތަނަވަސްކަމުގެ އަހުލުވެރިން ގުޅިގެން ބައިވެގެން މިސްކިތް އަޅަން ބޭނުން ނަމަ އެކަމަށް ވެސް ފުރިހަމަ އަށް އެހީތެރިވާނަން." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
ރޯދަމަހަށްފަހު 6 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދަވާނެކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.