ބީޗް ވޮލީގެ ބައިނަލްއަގްވާމީ ދެ މުބާރާތެއް މިއަހަރު އައްޑޫ ސިޓީގައި ބާއްވަން ނިންމައިފިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިއަހަރަށް ކަނޑައެޅި ކަލަންޑަރު އާންމުކޮށްފައިވާއިރު، އައްޑޫގައި ބާއްވާ ދެ މުބާރާތަކީ ކާވާ ބީޗް ވޮލީބޯލް ނޭޝަންސް ލީގާއި، ކާވާ ބީޗް ވޮލީބޯލް ޗެމްޕިއަންސް ލީގެވެ.
ކާވާ ބީޗް ވޮލީބޯލް ނޭޝަންސް ލީގު ބާއްވަން ނިންމާފައިވަނީ އޮގަސްޓް 9 ން 11 އަށެވެ. ކާވާ ބީޗް ވޮލީބޯލް ޗެމްޕިއަންސް ލީގު ބާއްވާނީ އޮގަސްޓް 13 ން 15 އަށެވެ.
އައްޑޫގައި ބާއްވާ ދެ މުބާރާތާއި އެކު މިއަހަރު ރާއްޖޭން ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ބައިނަލްއަގްވާމީ ހަތަރު މުބާރާތެއް ރާއްޖޭން ހޯސްޓުކުރާނެއެވެ.
ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތަކަށް އޮންނާނީ ޖުލައި 18 ން 24 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ބާއްވަން ނިންމާފައިވާ ކާވާ މެންސް ޗެމްޕިއަންސް ލީގު 2025 އެވެ.
އެއަށްފަހު އައްޑޫގައި އޮންނަ ބީޗްވޮލީ 2 މުބާރާތަށްފަހު ސެޕްޓެމްބަރު 24-30 އަށް ކާވާ ވިމެންސް ޗެމްޕިއަންޝިޕެވެ. ރާއްޖެއަކީ މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ރަނަރަޕެވެ.
މިދިޔަ އަހަރުވެސް ރާއްޖެއިން ކާވާގެ ތިން މުބާރާތް ހޯސްޓްކުރިއެވެ. އެ ތިން މުބާރާތަކީ ސެންޓްރަލް އޭޝިއާ ވޮލީބޯލް މުބާރާތާއި، ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް އަދި ކާވާ ވިމެންސް ވޮލީބޯލް ކުލަބް ޗެމްޕިއަންޝިޕެވެ.
ވީއޭއެމުން މިއަހަރު މުޅިން އައު ދެ މުބާރާތްވެސް ބާއްވާނެއެވެ. އެއީ ރާއްޖެ ބީޗް ވޮލީބޯލް ލީގާއި، 21 އަހަރުން ދަށުގެ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕެވެ.
މިއަހަރުގެ ކަލަންޑަރުގައިވެސް ސުކޫލް ކުދިންނާއި، ކޮލެޖް ޔުނިވަސިޓީ އާއި ރިސޯޓް މުބާރާތްތައް އަދި ރެފްރީން ތާޒާކުރުމުގެ ކޯހެއް ބޭއްވުމަށް ހިމަނާފައިވެއެވެ.