ޚަބަރު

މާލޭގެ ބޮޑު ދެމިސްކިތުގައި ތަރާވީޙު ނަމާދާއި ދަމު ނަމާދު ކުރާނީ ޒުވާން ޚަތީބުން


  • އިސްލާމީ މަރުކަޒަށް ޒުވާން 4 އިމާމުން ވަނީ ހަމަޖައްސަވާފައި

  • ސަލްމާން މިސްކިތަށް 3 އިމާމުން ވަނީ ހަމަޖައްސަވާފައި

  • ޚަތީބުން ތަމްރީންކުރުމުގެ ބޮޑު މަޝްރޫޢުއެއް ދަނީ ހިންގަމުން

މާލޭގެ ބޮޑެތި މިސްކިތްތަކުގައި މި އަހަރު ތަރާވީޙު ނަމާދާއި ދަމު ނަމާދު ޒުވާން ޚަތީބުން އިމާމުވެ ކުރާގޮތަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ.

މާލެގެ މިސްކިތްތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ ނަމާދު ކުރެވޭ ދެ މިސްކިތަކީ އިސްލާމީ މަރުކަޒާއި، މަސްޖިދުލް މަލިކި ސަލްމާން ނުވަތަ ސަލްމާން މިސްކިތެވެ.

އިސްލާމީ މަރުކަޒުގެ އިމާމުން އިޢުލާނުކޮށްފަވާއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު މިވަނީ ސަލްމާން މިސްކިތުގައި، ތަރާވީޙް ނަމާދާއި ދަމު ނަމާދު ކުރާނެ ޙާފިޒުންވެސް އިޢުލާނުކޮށްފައެވެ. ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރާނެ ޒުވާން ޙާފިޒުންނަކީ އާދަމް މިޝްޢަލް ޝާމިން، މުޙައްމަދު މިޝްޢަލް ޢާޡިމް އަދި ޢަބްދުﷲ އަޙްސަން ސަޢިދުއެވެ.

ސަލްމާން މިސްކިތަކީ އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވޭ ޖާގައިގެ މިސްކިތެކެވެ. އަދި ގޯތިތެރޭ ހިމެނޭހެން 5000 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ. މިސްކިތުގެ ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އަންހެނުން ނަމާދުކުރާ ބައިގެ ގޮތުގައެވެ.

މި މިސްކިތްތަކުގެ އިތުރުންވެސް ވަރަށް ގިނަ އިތުރު މިސްކިތްތަކުގައި ތަރާވީޙް ނަމާދު ޒުވާން ޙާފިޡުން ކުރާނެއެވެ.

ޒުވާން ޚަތީބުންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ، ދީނީ ކަންކަމަށް ޒުވާނުންގެ ހިތުގައި ލޯބި ޖައްސައި، ދީނީ ކަންކަމުގައި ކުރީ ސަފުގައި މަސައްކަތްކުރާ ޒުވާނުންތަކެއް އުފެއްދުމަށް ފައްޓަވާފައިވާ ވަރަށް މުހިންމު މަސައްކަތެކެވެ. އަދި ބޮޑުވަމުން އަންނަ ކުދިން ދީނީ ކަންކަމުގައި ޝާމިލުވުމަށް ޝަޢުގުވެރިކަން އުފެއްދުމެވެ. އެގޮތުން ފުރުޞަތު ފަހިކޮށްދިނުމުގައި އުމުރުން ވަރަށް ހަގު ކުދިންނަށްވެސް މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރުމުގެ ފުރުޞަތުވެސް އަންނަނީ ދެމުންނެވެ.

މި މަސައްކަތާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ މުސްތަޤުބަލަށް މިޤައުމު ފަޚުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުން ނެރުންކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޒުވާން އިމާމުންނާއި ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 270 ޚަޠީބުންވަނީ ތަމްރީނުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީނުކުރުމެވެ. މި ޕްރޮގްރާމްއަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ އިމާމުންގެ ދަތިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން ފައްޓަވާފައިވާ ޕްރޮގްރާމެކެވެ.