ޚަބަރު

ރަށްރަށުގެ ވިޔަފާރިތައް ކުރިއެރުވުމަށް ލޯކަލް ޓޫރިޒަމް ކުރިއަރުވަންޖެހޭ: ވަޒީރު ސަޢީދު


  • މި އެކްސްޕޯއަކީ ރާއްޖޭގެ ޑޮމެސްޓިކް ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ބާއްވާ އެކްސްޕޯއެއް

  • ރަށްރަށުގައި ހިންގާ ކުދި ވިޔަފާރިތަކަށް ދޭންވާ އަހައްމިއްޔަތުކަން ނުލިބޭނަމަ މާކެޓް ކުރުމުގައި ގޮންޖެހުން ކުރިމަތިވޭ

ރަށްރަށުގެ އާދަކާދައާއި ސަގާފަތާއި، އެހެނިހެން ހާއްސަ ކަންކަމުގެ މަޢުލޫމާތު ފަތުރުވެރިންނަށް އަމާޒުކޮށްގެން ފޯރުކޮށްދެވޭނަމަ އެ ރަށެއް މާކެޓް ކުރެވި، ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެވެ.

ވަޒީރު މިހެން ވިދާޅުވީ ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ "ރަށު އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ ރަށްރަށުގެ ސަޤާފަތާއި އެރަށްރަށުގައި ހުންނަ ހާއްސަ ކަންކަމުގެ މަޢުލޫމާތު ފަތުރުވެރިންނަށް ފަތުރުވެރިންނަށް ފޯރުކޮށްދިނުމަކީ އެ ރަށެއްގެ އިގްތިސާދީ ފުޅާކުރުމަށް މުހިއްމު ކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ރަށް ޕްރޮމޯޓްކުރުމާއި މާކެޓްކުރުމަށް ފަސޭހަވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ކަލްޗަރަލް. ބައެއް ރަށްރަށުގައި ބޮޑެތި ކުޅިތައް އެބަހުރި. ބައެއް ރަށްރަށުގައި އިންވާރްމެންޓަލް އެޓްރެކްޝަންތައް އެބަ ހުރި. ބައެއް ރަށްރަށުގައި ހެރިޓޭޖް އެބަހުރޭ ޝޯކޭސް ނުކުރެވި ފަތުރުވެރިންނަށް އަސްލު ޓްރޫ ސްޓޯޜީ ޕްރެސެންޓް ކުރެވިއްޖެ ނަމަ ވަރަށް ބޮޑު މާކެޓިން މެރިޓެއް އެރަށައް ލިބިގެން ދާނެ . ކަނެކްޓިވިޓީއަށް ބަލާއިރުގައި ސަރުކާރުން އެބަޖެހޭ އެރަށްރަށް ފަސޭހަކޮށް އައިސް ގޮސް ހެދޭނެ ނިޒާމެއް ގާއިމް ކުރަން" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސައީދު ވިދާޅުވީ ވިޔަފާރިތަކާއި ރަށް ޕްރޮމޯޓް ކުރުމަށް އެހީތެރިވުމަށް ރާއްޖޭގެ ވަރަށް ގިނަ ޕޮރިން މިޝަން އެމްބަސީތައް އެކި ގައުމުތަކުގައި އެބަހުރިކަމަށެވެ. އަދި އެ ފަރާތްތަކާއި ގުޅިގެން ރަށް ޕްރޮމޯޓް ކުރުމާއި ވިޔަފާރިތައް ކުރި އެރުވުމަށް މަސައްކަތް ކުރެވިދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދުގެ ވާހަކަފުޅުގައި ވަނީ ޗައިނާ - ރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ގެސްޓުހައުސް ވިޔަފާރި ކުރާ ފަރާއްތަކުން މުޅިން އަލަށް ގެސްޓު ހައުސްއެއް އިމާރާތް ކުރާނަމަ ކޮންސްޓަރަކްޝަން މެޓީރިއަލް ނުވަތަ ފަރްނީޗަރ ފިޓީންގްސްއާއި ލައިޓިންސް މިހެންގޮސް ފުރާޅު ރޫފިންގެ ޕްރޮޑަކްސްޓްއާއި ހަމައަށް ގެންނައިރު 5 ޕަސެންޓާއި 10 ޕަސެންޓާއި ދެމެދުގެ އަދަދަކަށް ނަގާ ޑިއުޓީ ޗާރޖު މި އެއްބަސްވުމިގެ ދަށުން މިހާރު ވަނީ ސުމެއް އިންސައްތައަށް ކުޑަކޮށްފައިކަމަށް ވަޒިރު ވިދާޅުވިއެވެ.

ރަށު އެކްސްޕޯ އިންތިޒާމްކޮށް ކުރިއަށް ގެންދަނީ "ޓްރެވެލް ގާއީޒްގެ ފަރާތުންނެވެ. މި އެކްސްޕޯއަކީ ރާއްޖޭގެ ޑޮމެސްޓިކް ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ބާއްވާ އެކްސްޕޯއެކެވެ.