ޔަހޫދީ ދައުލަރުން އީރާނުގެ ނިޔުކްލިޔަރ މަޝްރޫޢުއަށް އަމާޒުކޮށް ހިނގަމުންދާ އަހަރު ދެބައި ވުމުގެ ކުރިން ޙަމަލާ ދިނުން އެކަށީގެންވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފިއެވެ.
ޔަހޫދީން އީރާނަށް ހަމަލާ ދީފި ނަމަ އީރާނުގެ ނިޔުކްލިޔަރ މަޝްރޫޢުގެ ކުރިއެރުން ފަހަތަށް ޖެހިގެންދާނެއެވެ. ހަމައެއާއެކު އެ ސަރަޙައްދުގައި ނުތަނަވަސްކަން އިތުރުވެ ހަމަނުޖެހުންތައް އިތުރުވުން އެކަށީގެންވާ ކަމަށް ޖަސޫސީ ރިޕޯޓުތަކުގައި ބުނެފައި ވެއެވެ. އެ ރިޕޯޓުތައް ޝާޢިރު ކޮށްފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަން ނިމުމާ ގާތްވެފައި ވަނިކޮށް ހުސްވި ޖަނަވަރީ މަހުގެ ކުރީ ކޮޅެވެ.
މިހާރުގެ އަދި ކުރީގެ އެމެރިކާގެ ސަރުކާރުގެ ބައެއް އިސް ވެރިން ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޔަހޫދީން އީރާނަށް ބޮން އެޅުމުގެ ސަބަބުން އީރާނުގެ ވައިގެ ދިފާޢީ ނިޒާމު ބަލިކަށިވެ އިތުރު ޙަމަލާތަކަށް އެ ޤައުމު ހުށަހެޅިފައިވާ ކަމަށް ޔަހޫދީން ޤަބޫލު ކުރާ ކަމަށެވެ.
މަސްދަރުތަކުން ބުނީ ޖާސޫސީ ރިޕޯޓުތަކުގެ ތެރެއިން އެންމެ ފުރިހަމަ ރިޕޯޓުތައް ތައްޔާރު ކޮށްފައި ވަނީ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ އިންޓެލިޖެންސް ޑައިރެކްޓޮރޭޓުންނާއި ޑެފެންސް އިންޓެލިޖެންސް އޭޖެންސީއިން ކަމަށެވެ. އެ ރިޕޯޓުތަކުގައި އީރާނުގެ ފޯރޑޯރ އަދި ނަތަންްޒް ނިޔުލްލިއަރ ސައިޓަށް ޔަހޫދީން ޙަމަލާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.
ޖާސޫސީ ރިޕޯޓުގައި އިތުރަށް ބުނީ ޔަހޫދީން ދެ ގޮތަކަށް އީރާނަށް ހަމަލާ ދީފާނެ ކަމަށް ބެލެވޭ ކަމަށެވެ. ދެ ގޮތަށް ޙަމަލާ ދިން ނަމަ ވެސް ޔަހޫދީންނަށް ވައިގެ މަގުން ތެޔޮ ފޯރު ކޮށްދިނުމުގައި އާއި ޖަސޫސީ މަޢުލޫމާތު ފޯރު ކޮށްދިނުމުގައި އެމެރިކާއިން ޙަރަކާތްތެރި ވާނެ ކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައި ވެއެވެ.
އެ ރިޕޯޓުތަކާ ގުޅޭގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އޭގެ އިތުރުން ޔަހޫދީ ސަރުކާރާއި ޖާސޫސީ އިދާރާތައް ކަމުގައިވާ ސީއައިއޭއާއި ޑިފެންސް އިންޓެލިޖެންސް އޭޖެންސީ އަދި ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރުގެ އޮފީހުން ވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ވައިޓު ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުގެ ތަރުޖަމާނެއް ކަމަށްވާ ބްރިއާން ހިއުސް ވިދާޅުވީ އީރާނުން ނިޔުކްލިއަރ ހަތިޔާރެއް ހޯދުމަށް މަގުފަހިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުއްދަ ނުދެއްވާނެ ކަމަށެެވެ. އީރާނާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ މައްސަލަތަކަށް މަޝްވަރާ ކޮށްގެން ޞުލްޙަވެރިކަމާއެކު ޙައްލު ހޯއްދެވުމަށް ރައީސް ޓްރަމްޕް ބޭނުންފުޅު ވިޔަސް އީރާނުން އެއްބަސްވުމަކާ ހަމައަށް އައުމަށް ބޭނުން ނުވާ ނަމަ ފިޔަވަޅެއް ނާޅާ މާ ގިނަ ދުވަހު ޓްރަމްޕް މަޑުނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަފުތާގެ ތެރޭގައި ދެއްވި ބަސްތީގަތުމެއްގައި ރައީސް ޓްރަމްޕް ވަނީ އީރާނުގެ އަތް މައްޗަށް ނިޔުކްލިޔަރ ހަތިޔާރެއް އެރުމަށް ވުރެ އެ ފަދަ ހަތިޔާރެއް ހޯދުން ހުއްޓުވުމަށް އީރާނާއެކު އެއްބަސްވުމަކަށް އައުމަށް އެދިލައްވާ ކަމަށް ވިދާޅުވެފައެވެ. ހަތިޔާރު ބޭނުންކޮށްގެން ހިންގާ ހަމަނުޖެހުމަކަށް ވުރެ އީރާނަށް ވެސް ރަނގަޅު ވާނީ އެ ގޮތް ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ. ޓްެރަމްޕް ވިދާޅުވީ ކޮންމެ ބަޔަކު ވެސް ހީކުރަނީ އެމެރިކާގެ އެހީތެރިކަމާއި ޙުއްދައާއެކު ޔަހޫދީން އީރާނަށް ބޮން އަޅާނެ ކަމަށެވެ. ނަމަވެސް އެއީ އޭނާ އެދިލައްވާ ގޮތް ނޫން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރާއި ވިލާތުގެ ބައިވެރިން ވަނީ އީރާނުގެ ނިއުކްލިއަރ މަޝްރޫޢު ހުއްޓުވުމަށް އެ ޤައުމާ އެކު އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. ނަމަވެސް 2018ވަނަ އަހަރު އެމެރިކާގެ ރައީސްކަމުގެ މަޤާމާ ޓްރަމްޕް ފުރަތަމަ ޙަވާލުވެވަޑައިގެންނެވި ދައުރުގައި އޭނާ ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކި ކޮށް އީރާނާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާފައެވެ. އެމެރިކާއިން އެ ފިޔަވަޅު އަޅާފައި ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ކަމަށް ހިތްވަރު ދިނުމާ އެކުގައެވެ. އޭގެ ފަހުން އީރާނުން ވަނީ އެ ޤައުމުގެ ނިޔުކްލިޔަރ މަޝްރޫޢު އަލުން ފަށައި ޔުރޭނިއަމް މުއްސަނދި ކުރަން ފަށާފައެވެ. އީރާނާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުން ވަނީ ނިޔުކްލިއަރ މަޝްރޫޢުއާ ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރެވިދާނެ މަގުތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ސްވިޒަލޭންޑުގެ ޖެނީވާގައި ބައްދަލު ކޮށްފައެވެ.