ޚަބަރު

ސްލޮޓް ދެ މެޗަށް ސަސްޕެންޑް ކުރި ކަމަށް ބުނުމަށްފަހު ބަޔާން ނަގައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓަށް ދެއްކި ރަތް ކާޑާއެކު އޭނާ ދެ މެޗަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުނެ، އެ ލީގުގެ ވެބްސައިޓުގައި ޖެހި ބަޔާން ނަގައިފިއެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެކޮޅަށް އެވަޓަން ކުޅުނު މެޗުގެ ފަހު ވަގުތުގައި އެވަޓަން އިން ޖެހި ލަނޑާއެކު 2-2 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތުގެ ކަށިގަނޑާއެކު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައިވަނީ ހަމަނުޖެހުންތަކެއް ހިނގާފަ އެވެ. އަދި އެކަމުގެ ސަބަބުން މެޗުގެ ރެފްރީ މައިކަލް އޮލިވާ ވަނީ ލިވަޕޫލްގެ ކާޓިސް ޖޯންސް އަށާއި އެވަޓަންގެ އަބްދުالله ޑޫކޫރޭ އަށް ރަތް ކާޑު ދައްކާފަ އެވެ.

އަދި މެޗުގެ ރެފްރީގެ ނިންމުންތަކާއިމެދު ހިތްހަމަނުޖެހިފައިހުރި ކޯޗް ސްލޮޓް ރެފްރީއަށް ނިސްބަތްކޮށް ބޭއަދަބީ ބަހުން މުއާމަލާތް ކޮށްފައިވާކަމަށް ބުނެ ޕްރިމިއާ ލީގުން ނެރުނު ބަޔާން ގަޑިއެއްހާއިރު ފަހުން ނަގާފައިވަނީ ކޮން ސަބަބަކާހުރެ ކަމެއް އެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

މި މެޗުގައި ލިވަޕޫލްގެ ކޯޗު ސްލޮޓުގެ އިތުރުން އޭނާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ސިޕްކޭ ހަލްޝޮފް އަށްވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކާފަ އެވެ.

އެހެންކަމުން ލީގުގެ ގަވާއިދު ބުނާ ގޮތުން ރަތް ކާޑެއް ދައްކައިފިނަމަ އެ މެޗެއްގައި ނޫސްވެރިންނާ ބައްދަލުކުރުމުގެ ފުރުސަތު އެފަރާތްތަކަށް ނުލިބުމުގެ އިތުރުން ޖެހިގެން އަންނަ އެއް މެޗަށް ސަސްޕެންޑް ވާނެ އެވެ.

ނަމަވެސް ޕްރިމިއާ ލީގުން ސްލޮޓް ދެ މެޗަށް ސަސްޕެންޑް ކުރިކަމަށްބުނެ ބަޔާން ނެރުމަށްފަހު އެ ބަޔާން ނަގާފައިވާތީ އެ މައްސަލަ އިތުރަށް ބަލަނީ ކަމެއް ނުވަތަ އަޅާނީ ކޮން ފިޔަވަޅެއް ކަމެއް ނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް ޖެހިގެން އަންނަ މެޗަށް ސަސްޕެންޑްވާއިރު ލިވަޕޫލް ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހު ވޮލްވްސް އާއި ދެކޮޅަށް ކުޅޭ މެޗުގައި ސްލޮޓުގެ އިތުރުން އޭނާގެ އެސިސްޓެންޓް ކޯޗަށްވެސް ބެންޗުގައި ނުހުރެވޭނެ އެވެ.

ޕްރިމިއާ ލީގުގެ ގަވާއިދު ބުނާ ގޮތުން ކޯޗެއް ސަސްޕެންޑް ކޮށްފިނަމަ އެ ޓީމެއް ކުޅޭ މެޗުގެ 2 ގަޑިއިރު ފެށިގެން މެޗު ނިމިގެން 2 ގަޑިއިރު ވަންދެން ކޯޗަށް ޓީމުގެ ޗޭންޖިން ރޫމަށް ނުވަދެވޭނެ އެވެ. އަދި ޓީމުގެ ވޯމްއަޕްގައިވެސް އޭނާއަށް ބައިވެރި ނުވެވޭނެ އެވެ.