އެމެރިކާއިން ބޭރު ޤައުމުތަކަށް ދެމުންދިޔަ އެހީތައް މެދުކަނޑައިލުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ, ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދޮނަމް ގެބްރިޔޭސަސް ވިދާޅުވެއްޖެއެވެ.
ސްވިޒަލޭންޑުގެ ޖެނީވާގައި ހުންނަވާ އިންޓަނެޓު މެދުވެރިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓެޑްރޮސް ވިދާޅުވީ ޕޯލިޔޯއާއި އެޗްއައިވީ ފަދަ ބަލިތަކާ ދެކޮޅަށް ހިންގާ ޕްރޮގުރާމުތަކަށް އެމެރިކާގެ ނިންމުމުގެ ސަބަބުން ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އެ ކަންކަމަށް ޙައްލެއް ލިބެންދެން އަލުން އެހީ ދިނުމާމެދު ވިސްނުމަށް އެމެރިކާގެ ސަރުކާރުގެ ކިބައިން އޭނާ ވަނީ އެދިވަޑައިގެންފައެވެ.
“އެމެރިކާގެ ސަރުކާރުން ނިންމަމުންދާ ނިންމުންތަކުގެ ސަބަބުން ދުނިޔޭގެ ޞިއްޙަތަށް ކުރާނެ އަސަރުތަކާ މެދު އަހަރެމެން ވަރަށް ކަންބޮޑުވޭ,” އޭނާ ވިދާޅުވިއެވެ.
ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ އެ ޤައުމުން ދޭ އެހީތައް އަލުން މުރާޖަޢާ ކުރެވެންދެން އެހީ ދިނުން މެދުކަނޑާލައިފައެވެ. އޭގެ ސަބަބުން އެޗްއައިވީއާއި ޕޯލިޔޯއާއި އެމްޕޮކްސާއި އޭވިއަން ފްލޫ ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ވަނީ ބޮޑެތި އަސަރުތައް ކޮށްފައެވެ. ޓެޑްރޮސް ވިދާޅުވީ ޕްރެސިޑެންޓްސް އެމަޖެންސީ ޕްލޭން ފޮރ އެއިޑްސް ރިލީފް ނުވަތަ ޕީއީޕީއެފްްއޭއާރަށް ލިބެމުންދިޔަ އެހީތައް ހުއްޓުމާލުމާ ގުޅިގެން އެ ޕްރޮގުރާމުގެ ދަށުން 50 ޤައުމެއްގައި ކުރަމުންދިޔަ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އެގޮތުން އެ ޤައުމުތަކުގައި އެޗްއައިވީއަށް ފަރުވާ ދިނުމާއި ތަހުލީލު ކުރުުމާއި ބަލި ފެތުރުން ހުއްޓުވުމަށް ކުރަމުންދިޔަ މަސައްކަތްތައް ވަގުތުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަހުން ނިންނި ނިންމުމެއްގެ ތެރެއިން ބައެއް ޚިދުމަތްތައް ދިނުމަށް މަގުފަހިވި ނަމަވެސް ބަލި ޖެހުމުގެ ނުރައްކާ އޮތް އާބާދީތަކަށް ބަލި ޖެހުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް އޭގެ ތެރޭގައި ހިމެނިފައި ނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެ ފަދަ ޚިދުމަތްތައް ދޭ ކްލިނިކުތައް ބަންދުކޮށް ޞިއްޙީ ޚިދުމަތްތެރިން ގޭގައި ބައިތިއްބުމަށް މަޖުބޫރު ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފަރުވާ ދިނުމަށް ބޭނުންވާ ރެޓްރޯވައިރަލް ބޭސް ނުލިބޭ ޤައުމުތަކަށް އެ ބޭސް ފޯރު ކޮށްދިނުމަށް ޑަބްލިޔުއެޗްއޯއިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޓެޑްރޮސް އިތުރަށް ވިދާޅުވީ ޕޯލިޔޯ ނައްތާލުމަށް ކުރަމުންދާ މަސައްކަތާއި އެމްޕޮކްސަށް ދެމުންދާ ސަމާލުކަމަށް ވެސް ނޭދެވޭ އަސަރު ކުުރަމުންދާ ކަމަށެވެ. އެމެރިކާގެ ނިންމުމުގެ ސަބަބުން ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތަކުން މަޚްރޫމު ވެފައި މިޔަންމާގައި އެކަނި ވެސް 60,000އެއްހާ މީހުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޙައްލެއް ލިބެންދެން އެހީ ދިނުން އަލުން ކުރިއަށް ގެންގޮސްދިނުމަށް އެމެރިކާއަށް އޭނާ ގޮވައިލެއްވިއެވެ.
އެހީތައް ކަނޑައިލުމުގެ އިތުރުން ޑަބްލިޔުއެޗްއޯގެ މެންބަރުކަމުން އެމެރިކާ ވަކިކުރުމުގެ މަސައްކަތް ވެސް ވެރިކަމުގެ ފުރަތަމަ ދުވަހު ޓްރަމްޕް ވަނީ ފައްޓަވާފައެވެ. އޭގެ ސަބަބުން ބަލިތައް ފެތުރުން ހުއްޓުވުމާއި އިންފުލުއެންޒާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫ އަރާފައިވާ ކަމަށް ޓެޑްރޮސް ފާހަގަ ކުރެއްވިއެވެ.
ޑަބްލިޔުއެޗްއޯގެ ބަލިމަޑުކަމާބެހޭ ވަގުތީ ޑިރެކްޓަރު މާރިޔާ ވޭން ކާޚޯވް ވިދާޅުވީ އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ފަރާތުން އިންފުލުއެންޒާއާ ގުޅޭ ރިޕޯޓުތައް ވެސް ޖަނަވަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ޑަބްލިޔުއެޗްއޯއާ ޙިއްޞާ ކުރަމުން ނުދާ ކަމަށެވެ. އެ ރިޕޯޓުތައް ހޯދުމަށް މަސަައްކަތް ކުރަމުންދާ ކަމަށާއި އުންމީދަކީ ލަސްނުވެ އެ މަޢުލޫމާތު އެމެރިކާއިން ޙިއްޞާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޓެޑްރޮސް ވަނީ ޑަބްލިޔުއެޗްއޯއަށް ކުރިމަތިވެފައިވާ ފައިސާ ހޯދުމުގެ ދަތިކަމަށް ވެސް އަލިއަޅުވާލައްވައިފައެވެ. ފާއިތުވި އަހަރުތަކުގައި އެ ޖަމްޢިއްޔާއަށް ފައިސާ ލިބޭ މަގުތައް މުރާޖަޢާ ކުރި ނަމަވެސް އިތުރު ޚިޔާލުތައް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި 50 ބިލިޔަން އެމެރިކާ ޑޮލަރުގެ އެންޑޯމެންޓެެއް ހޯދުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްޞީލު ދެއްވާފައެއް ނުވެއެވެ. އޭގެ އިތުރުން ފައިސާ ދެއްކޭނެ ޤާބިލުކަން ހުރި މުއައްސަސާތަކާއި މީހުން އަތުން ބައެއް ޚިދުމަތްތަކަށް ފައިސާ ނެގުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.