ޚަބަރު

ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ޕުޓިންއާއި ޒެލެންސްކީއާ ގުޅުއްވައި ޓްރަމްޕް ވާހަކަ ދައްކަވައިފި


ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރައްވަމުންދާ މަސައްކަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް, ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާއި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީއާ ދެ ބޭފުޅުންނަށް ފޯނުން ގުޅުއްވާ ވާހަކަ ދައްކަވައިފިއެވެ.

އެކި ފަހަރު މަތިން ޓްރަމްޕް ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އަވަސް ގޮތަކަށް ނިމުމަކަށް ގެންނެވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ތަފްޞީލް މިހާތަނަށް ދެއްވާފައެއް ނުވެއެވެ. މިއީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވަޢުދުވެވަޑައިގެންފައިވާ ޓްރަމްޕް އެ ކަން ޙާޞިލް ކުރެއްވުމަށް ކުރައްވާ މަސައްކަތުހގައި ހޯދުނު ބޮޑު ކުރިއެރުމެކެވެ.

ޕުޓިންއާ ވާހަކަ ދެއްކެވުމަށް ފަހު މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ ދެ ބޭފުޅުން ވެސް ދެ ފަރާތުގެ މަންދޫބުންނާ އެކު ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތައް މިހާރުން މިހާރަށް ފެއްޓެވުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. ޕުޓިންއާ ގުޅުއްވި ގޮތަށް ޒެލެންސްކީއާ ވެސް ގުޅުއްވާ ވާހަކަ ދައްކަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނުން ބުނީ ޕުޓިންައާ ޓްރަމްޕް ދޮޅު ގަޑިއިރެއްހާއިރު ފޯނުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ޒެލެންސްކީއާ ގުޅުއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ ދެ ބޭފުޅުންގެ ދެމެދުގައި ދެކެވުނު ވާހަކަތައް ރަނގަޅު ކަމަށެވެ. ރައީސް ޕުޓިންއެކޭ އެއްގޮތަށް ޒެލެންސްކީ ވެސް ބޭނުންފުޅު ވަނީ ޞުލްޙަ ޤާއިމު ކުރުމަށް ކަމަށް ޓްރަމްޕް ވިދާޅުވިއެެވެ. ޒެލެންސްކީގެ އޮފީހުން ބުނި ގޮތުގައި ޒެލެންސްކީއާއި ޓްރަމްޕް ގަޑިއިރެއްހާއިރު ފޯނުން ވާހަކަ ދައްކަވާފައި ވެއެވެ.

ފޯނު ކޯލަށް ފަހު މީސްމިޑީޔާގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ ޓްރަމްޕާ އެކު މުހިންމު ވާހަކަތައް ދެކެވުނު ކަމަށާއި ޞުލްޙަ ޤާއިމު ކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ. އޭގެ އިތުރުން އެކުގައި މަސައްކަތް ކުރުމަށް ދެ ފަރާތުން ވެސް ތައްޔާރަށް އޮތް ކަމަށާއި ޔޫކްރެއިންގެ ޓެކްނޮލޮޖީގެ ގާބިލުކަމާއި ޑްރޯނާއި ކުރިއަރާފައިވާ އެހެނިހެން ދާއިރާތަކާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކްރެމްލިނުން ބުނީ ޕުޓިންއާ ޓްރަމްޕާ ދެ ބޭފުޅުން ބައްދަލު ކުރެއްވުމަށް ނިންމާފައިވާ ކަމަށާއި ރަޝިޔާއަށް ވަޑައިގަތުމަށް ޕުޓިން ޓްރަމްޕަށް ދަޢުވަތު އަރުއްވާފައިވާ ކަމަށެވެ. ރަޝިޔާގެ ބައެއް މަސްދަރުތަކުން މީގެ ކުރިން ވަނީ ސަޢުދީ ޢަރަބިއްޔާ ނުބަތަ އެކުވެރި ޢަރަބި އިމާރާތުގައި ޓްރަމްޕާއި ޕުޓިން ބައްދަލު ކުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވަނީ 2014ވަނަ އަހަރުން ފެށިގެން ރަޝިޔާގެ ބާރުގެ ދަށުަގައި އޮތް ޔޫކްރެއިނުގެ ސަރަޙައްދުތައް އަލުން އަނބުރާ ޔކްރެއިނުގެ ބާރުގެ ދަށަށް ގެނައުމަށް ޔޫކްރެއިނުން އުންމީދު ކުރާ ގޮތަށް އެ ކަން ހިނގުމަކީ ނާދިރު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާގެ ނަތީޖާއެއްގެ ގޮތުގައި ޔޫކްރެއިނުން ނޭޓޯއަށް ގުޅުމަކީ ވެސް ވުން އެކަށީގެންވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ބްރަސެލްސްގައި ހުންނަ ނޭޓޯގެ މައި އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެގްސެތު ވިދާޅުވީ ޔޫކްރެއިނަކީ އިސްތިޤުލާލީ އަދި ތަނަވަސް ޤައުމެއްގެ ގޮތުގައި އޮތުމަށް އެމެރިކާއިން ވެސް އެދޭ ކަމަށެވެ. ނަމަވެސް 2014ވަނަ އަހަރުގެ ކުރިން އޮތް ޔޫކްރެއިނުގެ ބޯޑަރުތައް އަލުން ހޯދުމަކީ ޙާޞިލް ކުރެވޭނެ ކަމެއް ނޫން ކަމަށް ޔޫކްރެއިނުން ޤަބޫލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހުވަފެނީ އަމާޒެއް ޙާޞިލް ކުރުމަށް ކުރާ މަސައްކަތުން ދިގުދެމިގެން ދާނީ ހަނގުރާމަ ކަމަށާއި ތަހައްމަލު ކުރަން ޖެހޭނީ އިތުރު ތަކުލީފުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދާއިމީ ގޮތެއްގައި ޞުލްޙަ ޤާއިމު ކޮށް ދެމެހެއްޓުމަށް ބޭނުން ވަނީ ހަނގުރާމަ އަލުން ނުފަށާނެ ކަމުގެ ސަލާމަތީ ގެރެންޓީ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ކަން ޙާޞިލް ކުރުމަށް އެމެރިކާގެ އަސްކަރީ ފައުޖު ޔޫކްރެއިނަށް ނުފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ކުރަން ޖެހޭނީ ޤާބިލު ވިލާތުގެ ފައުޖުންނާއި އެ ނޫން ވެސް ފައުޖަކުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެ ފަދަ ފައުޖުތައް ޞުލްޙަ ދެމެހެއްޓުމަށް ޔޫކްރެއިނަށް ފޮނުވާ ނަމަ އެ ފައުޖު ފޮނުވަން ޖެހޭނީ ނޭޓޯގެ ފައުޖެއްގެ ގޮތުގައި ނޫން ކަމަށާއި ނޭޓޯގެ މުއާހަދާގެ 5ވަނަ މާއްދާގެ ފަސް ވަނަ މާއްދާއާ ގުޅުމެއް އޮވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅޭ ގޮތުން ހެގްސެތު ދެއްކެވި ވާހަކަތަކަކީ އެމެރިކާގެ ރައީސްގެ މަޤާމުގައި ޖަނަވަރީ މަހުގެ 20ވަނަ ދުވަހާ ހަމައަށް ހުންނެވި ޖޯ ބައިޑަންގެ ސަރުކާރާއި ޔޫކްރެއިނަށް ވާގިވެރިވާ އެހެން ޤައުމުތަކުގެ ވިސްނުން ހުރި ގޮތާ ތަފާތު ވާހަކަ ތަކެކެވެ. އެ ސަރުކާރުތަކުން ވަނީ ކިތަންމެ ދިގު މުއްދަތަކަށް ވިޔަސް ޔޫކްރެއިނަށް ވާގިވެރިވުމުގައި ދެމި ތިބޭނެ ކަމަށް ބުނެފައެވެ. އަދި ސަރަޙައްދީ އިސްތިޤުލާލުގެ މުހިންމު ކަން ފާހަގަ ކޮށްފައެވެ. ނަމަވެސް ހެގްސެތުގެ ވާހަކަތަކުން ދޭހަވީ ޔޫކްރެއިނުން ހަނގުރާމައިގެ މުހިންމު ބައެއް އަމާޒުތައް ދޫކޮށްލަން ޖެހޭނެ ކަމަވެ. ފާއިތުވި ދުވަސްތަކުގައި ޓްރަމްޕްގެ ސަރުކާރުން ދިޔައީ އެ ލަނޑުދަނޑިތަކަށް ތާއީދު ނުކުރާނެ ކަމަށް އިޝާރާތް ކުރަމުންނެވެ. ނަމަވެސް ހެގްސެތު ދެއްކެވި ވާހަކަތަކާ އެކު އެމެރިކާގެ ވިސްނުން ހުރި ގޮތް މިހާރު މި ވަނީ މުޅި ދުނިޔެއަށް ސާފުވެފައެވެ.

2014ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ކްރީމިއާ އިސްތިޢުމާރު ކޮށްފައެވެ. ގިނަ އަހަރުތަކެއް ވަންދެން ނުތަނަވަސްކަން އޮތުމަށް ފަަހު 2022ވަނަ އަހަރު ރަޝިޔާގެ ރައީސް ޕުޓިން ވަނީ ޔޫކްރެއިންގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަ ދައްކާ މީހުންގެ ދިފާޢުގައި ހިންގާ ޚާއްޞަ އޮޕަރޭޝަނެއް ކަމަށް ވިދާޅުވެ އެ ޤައުމުގެ އަސްކަރީ ފައުޖު ޔޫކްރެއިނަށް ފޮނުއްވާފައެވެ. އޭގެ އިތުރުން ނޭޓޯގެ މެންބަރު ޤައުމަކަށް ވުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތަކީ ރަޝިޔާއަށް އޮތް ނުރައްކަލެއް ކަމަށް ވެސް ޕުޓިން ދިޔައީ ވިދާޅުވަމުންނެވެ. މި ހަމަނުޖެހުންތައް ބަދަލުވެގެން ގޮސްފައި މި ވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގައި ހިންގާ އެންމެ ބޮޑު ހަނގުރާމައަށެވެ. ޔޫކްރެއިނުގެ ސަރަޙައްދުގެ 20 އިންސައްތަ މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ