ޚަބަރު

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތެއް ބާއްވަނީ


  • މި ހަރަކާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހު

  • ސާފުކުރުން ކުރިއަށްދާނީ 06:30 އިން 12:00 އަށް

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން "ރޯދަ ސާފު"ގެ ނަމުގައި މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ރޯދައަށް ސާފުކުރުމުގެ ހަރަކާތް ކުރިއަށްގެންދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިންނެވެ. މި ހަރަކާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

"ރޯދަ ސާފު" ހަރަކާތާ ގުޅޭގޮތުން ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މަޢުސޫމް ވިދާޅުވީ އެކި މުއައްސަސާތަކާއި ކުންފުނިތަކާއި އޮފީސްތަކުގެ ބައިވެރިވުމާއެކު މި ހަރަކާތް މާލެ ސަރަހައްދާއި އަތޮޅުތަކުގައިވެސް އޮންނާނެ ކަމަށެވެ. އެ ގޮތުން ރަށްރަށުގައި ކުނި ބޮޑަށް ޖަމާވެފައިވާ ސަރަހައްދުތައް ސާފުކުރުން ކުރިއަށްދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މަޢުސޫމް ވިދާޅުވީ ސާފުކުރުމުގެ ހަރަކާތް މާލޭގައި ކުރިއަށްދާނީ 40 މުއައްސަސާއެއްގެ ބައިވެރިވުމާއެކު 5 ސަރަހައްދަކަށް ބަހާލައިގެން ކަމަށެވެ.

"މާލެ 5 ސަރަހައްދަކަށް ބަހަލައިގެން، ގުރޫޕުތަކަށްވެސް ބަހަލައިގެން ކުރިއަށް ގެންދާނީ. އުސްފަސްގަޑު ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން ސަރަހައްދު، އާޓިފިޝަލް ބީޗް ސަރަހައްދު، އަދި ކަސްޓަމްސް ސަރަހައްދު ހިމެނޭ. އަދި ޕޮލިސްއިން ބާވެ މަގުމަތީގައި ގިނަ ދުވަސްވަންދެން ޕާކުކޮށްފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތްވެސް ކުރާނެ." މަޢުސޫމް ވިދާޅުވިއެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހިމް ވިދާޅުވީ ސާފުކުރުމުގެ ހަރަކާތް ކުރިއަށްދާނީ ހެނދުނު 06:30 އިން މެންދުރު 12:00އާ ހަމައަށް ކަމަށެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ސާފުކުރުމުގެ ހަރަކާތެއް އޮންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި މަހުގެ 22ގައި ހުލުމާލެ ސާފުކުރުމުގެ ހަރަކާތް ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ކުރިއަށްގެންދާނެކަމަށް އާތިކާ ވިދާޅުވިއެވެ.

"ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ރަށުތެރެ ސާފުކުރުމަކީ ސަގާފަތުގެ ތެރެއިންވެސް ދިވެހިން ކުރަމުން އަންނަ ކަމެއް. އަޅުގަނޑުމެން އެދޭ ކަމަކީ މި ގޮތަށް ރަމަޟާން މަހާ ގުޅުވައިގެން ތަންތަން ސާފުކުރުމަށްފަހު އެ ތަންތަން ސާފުކޮށް ބޭއްވުމަށް މަސައްކަތްކުރުން ކޮންމެ މީހަކުވެސް." އާތިކާ ވިދާޅުވިއެވެ.

މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ބައެއް މަދަނީ ޖަމްޢިއްޔާތަކުންވެސް ވަނީ މާލޭގެ ބައެއް ސަރަހައްދުތައް ސާފުކުރުމަށް އިސްނަގާފައެވެ. އެ ގޮތުން އަންނަ ހޮނިހިރު ދުވަހު މާލޭގެ އީގަލްސް ސަރަހައްދު ނުވަތަ ވެސްޓް ޕާކު ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް ބޭއްވުމަށް އީގަލްސް ކޮމިޔުނިޓީއާއި މަންފާ ޖަމްޢިއްޔާ ގުޅިގެން ދަނީ ތައްޔާރުވަމުންނެވެ.

މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 8:00 ޖަހާއިރު އޮންނަ ހެނދުނުގެ ސަޔަކަށްފަހުއެވެ. އަދި ސާފުކުރުމުގެ ހަރަކާތް ކުރިއަށްދާ ސަރަހައްދުގައި ބާވެ ނައްތާލަން ބޭނުންވާ މުޞްހަފު ހަވާލުކުރުމަށް ޓެންޓްތަކެއްވެސް ބަހައްޓާފައި ހުންނާނެކަމަށް އެ ދެ ޖަމްޢިއްޔާއިން ބުނެއެވެ. މުޞްހަފުތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްގެންދަނީ މާލެ ސިޓީ ކައުންސިލާއި ވެމްކޯގެވެސް އެހީތެރިކަމާއެކުގައެވެ.