ރާއްޖޭގެ މާލީ ހާލަތު ހަރުދަނާ ކުރުމަށް ސަރުކާރުން އަޅަމުންދާ އިޞްލާހީ ފިޔަވަޅުތައް ބަލައިގަންނަކަމަށާއި، އުންމީދަކީ އެ ފިޔަވަޅުތައް އަވަހަށް ތަންފީޒުވެގެންދާތަން ފެނުންކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން ބުނެފިއެވެ. އައިއެމްއެފުން މިހެން ބުނެފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދެނެގަތުމަށް އިދާރާގެ ވަފުދެއް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ޒިޔާރާތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ އަދި މާލިއްޔަތު ކޮމެޓީއާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.
ރައްޔިތުންގެ މަޖިލީހުގައި ބޭއްވެވި މި ބައްދަލުވުމުގައި އައިއެމްއެފުން ވަނީ އެވަފުދުން މިހާތަނަށް ބޭއްވި ބައްދަލުވުންތަކާއި ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދެނެގަތުމަށް ކުރެވުނު މަސައްކަތްތަކުން ފާހަގަވިކަންކަން ކޮމެޓީއާއި ހިއްސާކުރައްވާފައެވެ. އެގޮތުން އައިއެމްއެފްގެ ވަފުދު އިސްވެރިޔާ ނިކީ ސޮޑްސްރިވިބޫން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިއަހަރު ކުރިއަރާނެކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދު މިއަހަރު 5 އިންސައްތަ ކުރިއަރާނެކަމަށް އެއިދާރާއިން ލަފާކުރާއިރު، މިއީ ފަތުވެރިންގެ އަދަދު އިތުރުވުމާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުން ފެނިގެންދާނެ ކުރިއެރުންތަކެއްގެ ގޮތުގައި އައިއެމްއެފްއިން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ދަރަނި ދެއްކުމުގެ ބުރަ އުފުލަން ޖެހޭ ދުވަސްތައްkުރިއަށް އޮތްކަން އެއިދާރާއިން ފާހަގަކުރެއެވެ. މިއާއެކު ސަރުކާރުން އަޅަން ނިންމާފައިވާ އިސްލާހީ ފިޔަވަޅުތައް ވީހާ އަވަހަށް ތަންފީޒުވުން މުހިންމުކަން އައިއެމްއެފްއިން ވަނީ ފާހަގަކޮށްފައެވެ.
އައިއެމްއެފްގެ އިސްވެރިޔާ ދެއްކެވި ވާހަކައިގައި ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މިހާތަނަށް ރަނގަޅު ފިޔަވަޅުތަކެއް އެޅިފައިވާކަމަށް ވިދާޅުވެ ތަޢުރީފްކުރެއްވިއެވެ. އެގޮތުން ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް މުހިންމު ނިންމުންތަކެއް ނިންމާފައިވާކަން ފާހަގަކޮށް އެކަމަށް މަރުޙަބާކިޔެއެވެ.
އައިއެމްއެފްއިން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ދަރަންޏާއި ބެހޭ ޤާނޫނާއި، ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް ގެނައި އިސްލާހުތައް ހިމެނެއެވެ. އަދި އާސަންދަ ނިޒާމުގެ ތެރެއިން އިސްލާހީ ބަދަލުތަކެއް ގެނެސްފައިވާތީ އެކަމަށްވެސް ތަޢުރީފްކޮށް އޭނާ ވަނީ މިއަހަރު ބަޖެޓުގައި އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހިމެނިފައިވުމުން އެކަމަށްވެސް މަރުހަބާކިޔާފައެވެ.
"މިހާރު ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ ގިނަ ދުވަސްތަކުގެ މަތިން ފުނިޖެހިފައިވާ މައްސަލަތަކެއް. މިއީ އެންމެ ކަމެއް ނޫން. އަޅުގަނޑުމެން ވަރަށް ބޮޑަށް މަރުހަބާ ކިޔަން މިއަދުގެ ސަރުކާރުން މިއީ އޮތް މައްސަލައެއްކަން ޤަބޫލުކޮށް، އެކަން ހައްލުކުރަން މަސައްކަތް ކުރާތީ. އަޅުގަނޑުގެ އުންމީދަކީ މިހިރަ މައްސަލަތައް އަވަހަށް ހައްލުވެގެން ދިއުން." ނިކީ ސޮޑްސްރިވިބޫން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމީޓީ އަދި އިޤްތިޞާދީ ކޮމިޓީއިން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި. އެމް.އެފް)ގެ ބޭފުޅުންނާ ބައްދަލުކުރެއްވުން pic.twitter.com/qTL3uBriqf
— People's Majlis (@mvpeoplesmajlis) February 12, 2025
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ސަރުކާރުން އަޅާ ފިޔަވަޅުތައް ތަންފީޒު ކުރުމަގައި އައިއެމްފް ފަދަ ބައިނަލްއަޤްވާމީ އިދާރާތަކުގެ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވާފައެވެ. އެމްޑީޕީ ބައެއް މެންބަރުން، ސަރުކާރުން ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށް ބައްދަލުވުމުގައި ތުހުމަތުކުރެއްވި ނަމަވެސް، އައިއެމްފްގެ ވަފްދުގެ ބޭފުޅުން ވަނީ ސަރުކާރުން މިހާތަނަށް ފިޔަވަޅު އަޅަމުންދާކަމަށް ވިދާޅުވެ އެކަން ބަލައިގަތުމަށް އެދިވަޑައިގެންފައެވެ. އަދި މިހާރު މުހިންމީ ވީހާވެސް އަވަހަށް އިސްލާހީ ފިޔަވަޅުތައް ތަންފީޒުވުންކަމަށްވެސް އައިއެމްގެ ވަފްދުގެ ބޭފުޅުން ވިދާޅުވިއެވެ.
މީގެ އިތުރުން ސަބްސިސިޑީ ނިޒާމު އިސްލާހުކުރުން ފަދަ ކަންކަމުގައި ސަރުކާރާއިގާތުން މަސައްކަތް ކުރަމުންދާކަން އައިއެމްއެފުން ފާހަގަކުރިއެވެ. މީގެއިތުރުން ޢުމްރަނީ ތަރައްޤީގެ މަސައްކަތްތައް ތަރުތީބުކޮށް ވަކި ނިޒާމެއްގެ ތެރެއިން މިހާރު އޮތް ހާލަތުގައި ކުރިއަށް ގެންދަން ޖެހޭކަމަށްވެސް އައިއެމްއެފުން ބުންޏެވެ.
ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ބަލައިގަންނަކަމަށް އައިއެމްއެފުން ބުނެފައިވާއިރު، އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހާއްސަ އޮފީހެއްވެސް މާލީ ވުޒާރާގެ ދަށުން ވަނީ ޤާއިމްކޮށްފައެވެ. އެ އޮފީހަކީ ދައުލަތު މާލީކަންކަން ހަރުދަނާކުރުމާއި، ޚަރަދުކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަން ނިންމާފައިވާ އިސްލާހީ ބަދަލުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރުމަށް އުފައްދާވާފައިވާ އޮފީހެކެވެ.