ޚަބަރު

ރެޑްވިންގްސް ބަލިކޮށް ރެޕްޓަރސް ކުރިއަށް


މިހާރު ކުރިއަށްދާ އެމް.ބީ.އޭ ޗެމްޕިއަންޝިޕްގައި ރޭ ކުޅެވުނު "ކަޕް" ބައިގައި ރެޑްވިންގްސް ބީސީ އަތުން ރެޕްޓާސް ބީސީ މޮޅުވެއްޖެއެވެ.

ރެޕްޓާސް ބީސީ މި މޮޅު ހޯދާފައިވަނީ 91-70 ޕޮއިންޓުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރެޕްޓާސް ބީސީގެ އަހްމަދު ރާއިދު ސަލީމްއެވެ. ރާއިދު ވަނީ 21 ޕޮއިންޓް ހޯދާ، 12 ރީބައުންޑް ނެގުމުގެ އިތުރަށް 5 އެސިސްޓްކޮށްދީފައެވެ. އަދި އަބްދުﷲ އަލާން އިރުފާންވެސް އެޓީމަށް 28 ޕޮއިންޓް ހޯދާދީފައިވާއިރު ރެޕްޓާސް ބީސީގެ ކެޕްޓަން މަފާޒު މުހައްމަދު ވަނީ 14 ޕޮއިންޓް ހޯދަދީފައެވެ.

ރެޕްޓާސް ބީސީއާއި ދެކޮޅަށް ކުޅުނު ރެޑްވިންގްސްގެ ކުޅުމަށް ބަލާއިރު އެޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދާދިފައިވަނީ އަހްމަދު ރައްޔާން އިބްރާހިމްއެވެ. އޭނާ 26 ޕޮއިންޓް ހޯދާދީފައިވާއިރު، އެޓީމުގެ ހަސަން ނަދީމްވެސް ވަނީ 13 ޕޮއިންޓް ހޯދަދީފައެވެ.

އެމް.ބީ.އޭ ޗެމްޕިއަންޝިޕްގެ ކުޅުން ފުރަތަމަ ކުރިއަށް ގޮސްފައިވަނީ ގްރޫޕް ސްޓޭޖަށެވެ. 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލާ ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމްތަކާއި، ދެވަނައަށް ދިޔަ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމް ހިމެނޭހެން ފަސް ޓީމު ކޮލިފައިވީ "ކަޕް" ބަޔަށެވެ. ބާކީ އޮތް ޓީމުތައް ކޮލިފައިވީ "ޝީލްޑް" ބަޔަށެވެ.

މާލޭ ސޯޝަލް ސެންޓަރުގައި މެޗްތައް ކުޅޭ މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މާދާމާރެއެވެ. މި މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ވާދަވެރި ޓީރެކްސްއާއި ކިންގްސް ބީސީއެވެ.