ޚަބަރު

ބޫޓާން، ކުވައިތު، ސްވިސް ފެޑަރޭޝަނަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރުން ދިރާސާކުރަން ކޮމިޓީއަށް


  • ބޫޓާނަށް އައްޔަންކުރައްވާނީ ޝިއުނީން ރަޝީދު

  • ކުވެއިތަށް އައްޔަންކުރައްވަނީ އަހުމަދު ސަރީރު

  • ސްވިސް ފެޑަރޭޝަނަށް އައްޔަންކުރައްވަނީ ޑރ. ސަލްމާ ރަޝީދު

ތިން ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި މައްސަލަ ދިރާސާ ކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވަނީ ބޫޓާނަށާއި ކުވައިތަށާއި ސްވިސް ފެޑެރޭޝަނަށެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިވަޑައިގެންނެވެ.

ދިވެހިރާއްޖެއިން ބޫޓާނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ފޮނުއްވާފައިވަނީ ބަންގްލަދޭޝްގައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދުގެ ނަންފުޅެވެ. ކުވެއިތަށް ކަނޑައަލުއްވާ ނޮން ރެޒިޑެންޓް ސަފީރުގެ މަޤާމަށް އައްޔަންކުރުމަށް ފޮނުއްވާފައިވަނީ ސައުދިއަރަބިއްޔާގައި ހުންނަވާ ސަފީރު އަހުމަދު ސަރީރުގެ ނަންފުޅެވެ. އަދި ސްވިސް ކޮންފެޑެރޭޝަނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމަށް އައްޔަންކުރެއްވުމަށް ފޮނުއްވާފައިވަނީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ ނަންފުޅެވެ.

ޤައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށްފަހު މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަށްފަހުއެވެ.