ޚަބަރު

ޕީއެސްވީ އަތުން ޔުވެންޓަސް ސަލާމަތް ވެއްޖެ


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި ރޭ ޕީއެސްވީ އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގެ ފަހު ވަގުތު ސެމުއެލް އެމްބަންގުލާ ކާމިޔާބުކޮށްދިން ލަނޑުން 2-1 ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅުވެއްޖެ އެވެ.

ޔުވެންޓަސްގެ އެލިއަންޒް ސްޓޭޑިއަމްގައި ތިރީސް ނުވަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ނެދަލޭންޑްސްގެ ޕީއެސްވީ އެއިންދޯވެން އާއި ދެކޮޅަށް ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ޕިއެސްވީގެ ގޯލަށް އަމާޒުކޮށް ޔުވެންޓަސްއިން ވަނީ ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު 20 ވަނައިގައި އޮތް ޔުވެންޓަސް އިން ވަނީ ރޭގެ މެޗުގައި ރަގަޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން އެ ޓީމުގެ ނިކޮލަސް ގޮންޒާލޭޒް އާއި ކެނަން ޔިލްޑިޒްގެ އިތުރުން ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އިން އެ ޓީމާއި ގުޅުނު ރަންޑަލް ކޯލޯ މުއާނީގެ ފަރާތުން ފެނުނު ކުޅުން ފާހަގަ ކުރެވެއެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ޔުވެންޓަސް އިންނެވެ. މި ލަނޑު މެޗުގެ 34 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ވެސްޓޮން މެކްކެނީ އެވެ.

ޔުވެންޓަސް އިން ދެވަނަ ހާފަށް ނިކުތްއިރު އެ ޓީމުގެ ކޯޗު ތިއާގޯ މޮއްޓާ ވަނީ ޔިލްޑިޒްގެ ބަދަލުގައި އެމްބަންގުލާ ކުޅެން އަރުވާފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ޕީއެސްވީގެ އިވާން ޕެރިސިޗް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ 2020 ވަނަ އަހަރަށްފަހު އޭނާ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

މި މެޗުން ޔުވެންޓަސް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސެމުއެލް އެމްބަންގުލާ އެވެ. މިއީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މި ދެ ޓީމު ބައްދަލުކުރި ދެވަނަ ފަހަރެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުންވެސް ޔުވެންޓަސް ވަނީ 3-1 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.