ޚަބަރު

ކާޑެއްދޫ އެއަރޕޯޓު މައްސަލައިގައި ވިލާއެއަރ އާއި ސިވިލް އެވިއޭޝަން އިޤްތިޞާދީ ކޮމެޓީއަށް ހާޒިރުކުރަނީ


  • އިޤްތިޞާދީ ކޮމެޓީން ބަލަނީ އެއަޕޯޓު ރަނގަޅަށް ނުބަލަހައްޓާ މައްސަލައެއް

  • މިމައްސަލަ ކޮމެޓީއަށް ހުށަހެޅީ ތިނަދޫ އުތުރު ދައިރާގެ މެންބަރު

ވިލާ އެއަރިއިން ކާޑެއްދޫ އެއަރޕޯޓު ރަނގަޅަށް ބަލަހައްޓަމުން ނުދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައިގަ ވިލާ އެއަރ އާއި ސިވިލް އެވިއޭޝަން އޮތޯރިޓީ، ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް މިމައްސަލަ ހުށަހަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. އޭނާ މިމައްސަލަ މިދިޔަ ދައުރުގެ ތެރޭގައި އިޤްތިޞާދީ ކޮމެޓީއަށް ހުށަހަޅާފައިވަނީ އެއަރޕޯޓުގެ މެއިންޓެނަންސް މަސައްކަތް އެންމެ އެކަށީގެންވާ މިންވަރަށް ކޮށްފައިނުވާކަމާއި އެއަރޕޯޓުގެ ޢިމާރާތުގެ ފެންވަރާއި އެ އެއަރޕޯޓުން ދެމުންދާ ޚިދުމަތްތައް އެންމެ އެކަށީގެންވާގޮތަށް ލިބެމުންނުދާކަން ފާހަގަކޮށެވެ.

މިމައްސަލާގައި ވިލާ އެއަރ ކޮމެޓީއަށް ހާޒިރު ކުރުމަށް މީގެ ކުރިންވެސް އިޤްތިޞާދީ ކޮމެޓީން ވަނީ ނިންމާފައެވެ. އަދި އެއަރޕޯޓުގެ ކަންކަމާއި ގުޅޭގޮތުން ސިވިލް އެވިއޭޝަންގެ ބަހެއް ހޯދުމަށްވެސް ނިންމިއެވެ. މިމައްސަލާގައި ސިވިލް އެވިއޭޝަން އިޤްތިޞާދީ ކޮމިޓީއަށް ޖަވާބު ދީފައިވާއިރު، ސިވިލް އެވިއޭޝަނުން ވަނީ އެއެއަރޕޯޓުގެ މައްސަލައެއް އިސްވެ ބަލަމުން ނުދާ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެއިދާރާއިން އާންމު އުސޫލުން ކުރާ ކަމެއް ނޫންކަމަށްވެސް ސިވިލް އެވިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

މިމައްސަލައާއި ގުޅިގެން ބޭއްވި ބައްދަލުވުމުގައި، އިޤްތިޞާދީ ކޮމެޓީގެ ނައިބު މުޤައްރިރުކަންވެސް ކުރައްވާ ތިނަދޫ އުތުރު ދައިރާގެ މެންބަރު ވަނީ އެއަރޕޯޓާއި ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ. އެގޮތުން އެއަޕޯޓު ހިންގާ ކުންފުނީގެ ބަހެއް މިކަމުގައި ހޯދަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވީ، މިމައްސަލައާގައި ސިވިލް އެވިއޭޝަނުން އިސްވެ މައްސަލައެއް ބަލަމުން ނުދާކަމަށް ފާހަގަކޮށްފައިވީނަމަށްވެސް އެތަނުގެ ޤަވާއިދުން ހަދަންޖެހޭ އޮޑިޓްތައް ހަދާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ސިވިލް އެވިއޭޝަން މިމައްސަލާގައި ހާޒިރުކުރަން ފެންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަމަށް ތާޢީދު ކުރައްވާ، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވަނީ މިމައްސަލަ ރަނގަޅަށް ދިރާސާކުރުމަށް ކޮމެޓީއަށް ވިލާއެއަރ އަދި ސިވިލް އެވިއޭޝަން ހާޒިރުކުރުމުގެ ކުރިން ކަމާއި ގުޅޭ ލިޔެކިއުންތައް ހޯދުމަށް ހުށަހަޅާފައެވެ. މި ދެ ހުށަހެޅުންވެސް ކޮމެޓީގައި ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

ކާޑެއްދޫ އެއަރޕޯޓު ވިލާއެއަރ އާއި ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. ނަމަވެސް 2017 ވަނަ އަހަރު އެއަރޕޯޓު އަތުލުމަށް އޭރު ސަރުކާރުން ނިންމައި އެއްބަސްވުން އުވާލިއެވެ. އެމައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ އެއަޕޯޓު އަތުލަން ޖެހޭ އެކަށީގެންވާ ސަބަބެއް ނުދެއްކޭ ކަމަށެވެ.