ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާގެ ދަށުން ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ އަދަދު 40,000ށްވުރެ މައްޗަށް އުފުލިފައިވާ ކަން އދން ހާމަކޮށްފިއެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރްވާ)ން ބުނީ، ޖަނަވަރީ މަހުން ފެށިގެން ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން 40,000ށްވުރެ ގިނަ މީހުންނަށް އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައިވާ ކަމުގައެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުންގެ ގެދޮރަށް ޔަހޫދީ ފައުޖުން ވަނީ ޙަމަލާދީ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި، ބައެއް ޢިމާރާތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ބަރުހަތިޔާރާ އެކު އަރައި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ޖަރީމާތައް ހިންގަމުން ދަނީ ޖިނީނާއި ޠުލްކަރްމުގެ އިތުރުން ޠޫބަސްގައެވެ. އެންމެ ނުރައްކާތެރި ޙަމަލާތައް ދެމުން ދަނީ އެ ސަރަޙައްދުތަކުގައި ހުރި ރެފިއުޖީ ކޭމްޕުތަކަށެވެ. އަދި، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށެވެ.
އުންރްވާން ބުނީ، ޖަނަވަރީ މަހުން ފެށިގެން އެ ސަރަޙައްދުތަކުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 44ށް އުފުލިފައިވާ ކަމުގައެވެ. ނަމަވެސް، މެދުއިރުމަތީގެ މަސްރަޙު ދިރާސާ ކުރާ އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ އާމްޑް ކޮންްފްލިކްޓް ލޮކޭޝަން އެންޑް އިވެންޓް ޑޭޓާ (އޭސީއެލްއީޑީ)ން ބުނީ، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 70ށްވުރެ މައްޗަށް އަރާނެ ކަމުގައެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ މި އަދަދުތައް ކަށަވަރު ކޮށްދީފައެވެ.
ޔަހޫދީ ފައުޖުން ހުޅަނގު އައްސޭރީގެ އުތުރުގެ ސަރަޙައްދުތަކަށް އަރައި ޢުދުވާން ހިންގަން ފަށާފައި ވަނީ ޖަނަވަރީ 21ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުން ދިޔަ ލާއިންސާނީ ޤަތުލުޢާންމު މެދުކަނޑައިލުމަށް ފަހުއެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފެށި ޢުދުވާންތައް މެދުކަނޑައިލާފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.
ޔަހޫދީ ސިފައިން މި ވަގުތު އެންމެ ނުރައްކާތެރި ޢުދުވާންތަކެއް ހިންގަމުން ދަނީ ޖިނީނާއި ޚަލީލްގައެވެ. ޖިނީނަށް އަރައި ހިންގި ޖަރީމާތަކުގެ ތެރެއިން ފަލަސްޠީނުގެ ޢާންމުންނަށް ޙަމަލާދީ ތިން މީހަކު ހައްޔަރު ކުރިއެވެ. އަދި، ޚަލީލްގައި ފަލަސްޠީނުގެ ޢާންމުން ދިރިއުޅޭ ގެދޮރަށް ނުރައްކާތެރި ޙަމަލާތަކެއް ދިނެވެ. އަދި، 12ށްވުރެ ގިނަ ޢިމާރާތް ސުންފާތިކޮށް ބިމާ ހަމަކޮށްލިއެވެ.
އުންރްވާން ބުނީ، ޔަހޫދީންގެ ޖައްބާރުކަމުން ސަލާމަތްވުމަށް ޖިނީނާއި ޠުލްކަރްމުގެ އިތުރުން ނޫރް ޝަމްސާއި ފާރިޢުގައި ހުރި ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ އެތަކެއް ހާސް ބަޔަކު ރައްކާތެރި ކަމަށް ބެލެވޭ ސަރަޙައްދުތަކަށް ދަތުރު ކުރަމުންދާ ކަމުގައެވެ. އަދި، އެ ސަރަޙައްދުތައް ފަޅުވެފައިވާ ކަމުގައި ވެސް އުންރްވާން ހާމަކުރިއެވެ. އެ ހަތަރު ރެފިއުޖީ ކޭމްޕަކީ 76,600ށްވުރެ ގިނަ އަދަދެއްގެ ރެފިއުޖީން ދިރިއުޅެމުން ދިޔަ ސަރަޙައްދުތަކެކެވެ.