ޔަހޫދީން ހައްޔަރު ކުރާ ފަލަސްޠީނުގެ ރައްޔިތުންނާއި، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުވާ މީހުންގެ ޢާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގަމުންދާ ޕުރޮގުރާމު ހުއްޓައިލަން ރައީސް މަޙްމޫދު ޢައްބާސް ނިންމަވައިފިއެވެ. ފަލަސްޠީނާއި އެމެރިކާއާ ދެމެެދު އެންމެ ބޮޑު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މި ޕުރޮގުރާމު އުވައިލުމަށް ނިންމަވައި ޢައްބާސް ވަނީ ޤަރާރެއް ނެރުއްވައިފައެވެ.
އެމެރިކާއާއި ޔަހޫދީންގެ އިތުރުން ޔަހޫދީންގެ މަދަދުގާރުން ޤަބޫލު ކުރާ ގޮތުގައި އެ ޕުރޮގުރާމަކީ ޔަހޫދީންނާ ދެކޮޅަށް ޖިހާދު ކުރުމަށް ފަލަސްޠީނުގެ މުސްލިމުންނަށް ހިތްވަރުދޭ ސިޔާސަތެކެވެ. ނަމަވެސް، ފަލަސްޠީނުގެ ސަރުކާރުން މި ތުހުމަތާ އިންކާރު ކުރެއެވެ. އަދި، އެއީ އެއްވެސް ނިޔަތެއްގައި ޖިހާދު ކުރުމަށް ހިތްވަރުދޭ ސިޔާސަތެއް ނޫން ކަމުގައި ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޢައްބާސްގެ ސަރުކާރުން ބުންޏެވެ.
ޢައްބާސްގެ ޤަރާރުގައި ބުނެފައި ވަނީ، ޔަހޫދީން ހައްޔަރު ކުރާ ފަލަސްޠީނުގެ ރައްޔިތުންނާއި، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުވާ މީހުންގެ ޢާއިލާތަކަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން މިއަށް ފަހު ދޫކުރެވޭނީ ޢައްބާސްގެ އޮފީހާ ގުޅުން އޮތް އެހެން އިދާރާއަކަށް ކަމުގައެވެ. އެއަށް ފަހު، އެ ފައިސާއާ މެދު އަމަލު ކުރާނެ ގޮތެއް ޢައްބާސްގެ އޮފީހުން ހާމަކޮށްފައެއް ނެތެވެ.
މި ޕުރޮގުރާމު އުވައިލުމަށް އެމެރިކާއިން ދަނީ ޢައްބާސްގެ ސަރުކާރަށް ބާރު އަޅަމުންނެވެ. މި ނިޒާމު އުވައިލުމަށް ޢައްބާސް ނިންމަވާފައި މި ވަނީ، ފަލަސްޠީނަށް ފޯރުކޮށްދޭ މާލީ އެހީ ދަށްވެ، ޓެކުހާއި އެހެން ގޮތްގޮތުން ލިބޭ ފައިސާ ޔަހޫދީން ހިފަހައްޓަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، ޣައްޒާ ޢުދުވާނާ އެކު، ފަލަސްޠީނުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ވަޒީފާ އަދާ ކުރުމަށް ވެސް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. މި ކަމާ ގުޅިގެން ސަރުކާރާ ޢާންމު ރައްޔިތުންގެ މާލީ ހާލަތު ދަށްވެފައިވާ ކަން ފާހަގަކޮށް، ޢައްބާސްގެ ސަރުކާރުން ވަނީ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ޢަރަބި އަދި ވިލާތުގެ ޤައުމުތަކަށް ގޮވައިލާފައެވެ.