ޚަބަރު

އޭސީސީގެ ނައިބަކަށް ހުށަހެޅުއްވި ނަން ބަދަލުކުރައްވައި އެމަގާމަށް ޢަބްދުﷲ ނާޝިދު އައްޔަން ކުރައްވަން ފޮނުއްވައިފި


  • ކުރިން ފޮނުއްވީ އަހުމަދު ނާޝިދުގެ ނަންފުޅު

  • އޭސީސީގެ ރައީސާއި ނައިބު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ

އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ނައިބު ރައީސަކަށް ހުށަހެޅުއްވި ނަން ބަދަލުކުރައްވައި އެ މަގާމަށް ޢަބްދުﷲ ނާޝިދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

އެމަނިކުފާނު މިދިޔަ ޖެނުއަރީ މަހުގެ 26ވަނަ ދުވަހު މަޖިލީހަށް ފޮނުއްވެވީ އޭސީސީގެ ނައިބު ރައީސަކަށް އަހުމަދު ނާޝިދު އައްޔަން ކުރެއްވުމަށެވެ. ނަމަވެސް ހޯމަ ދުވަހު އެމަނިކުފާނު މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވަނީ އެ ނަންފުޅު ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، އެ މަގާމަށް އަހުމަދު ނާޝިދުގެ ބަދަލުގައި ޢަބްދުﷲ ނާޝިދު އައްޔަން ކުރައްވަން ހުށަހަޅުއްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް ގެންނެވި އިޞްލާހާއެކު އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. މީގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބު ހޮވަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ކޮމިޝަނުގެ ނައިބު ރައީސަކަށް ޢަބްދުﷲ ނާޝިދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ، ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ޢަބްދުﷲ ނާޝިދު އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ، 07 އޯގަސްޓް 2008 ގައި ތަޞްދީޤުކުރެވުނު ޤާނޫނުއަސާސީގެ ދަށުން އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ. އެ ކޮމިޝަނުން ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމާއި ކޮމިޝަނުން ތަޙުޤީޤުކުރާ ކަންތައްތަކުގެ ތެރެއިން އެހެނިހެން އިދާރާތަކުން އިތުރަށް ބަލައި ސާފުކުރަންޖެހޭ ކަންތައްތައް އެ ފަރާތްތަކަށް ހުށަހަޅައި، ޝަރީޢަތަށް ހުށަހަޅަންޖެހޭކަމަށް ފެންނަ ކަންތައްތައް ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމުގެ މަސައްކަތް ކުރަންޖެހެއެވެ.

މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދިރާސާތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުމަކީވެސް އޭސީސީގެ ޒިންމާއެކެވެ.

އޭސީސީ އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ. މިވަގުތު އެކޮމިޝަނުގައި ތިއްބެވީ ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް އާއި މެންބަރުން ކަމަށްވާ އަލްއުސްތާޛާ
ޝިޔާމާ މުޙައްމަދާއި ޝަޒްނާ ހާޝިމާއި އަޙްމަދު ނާޝިދާއި ޢަބްދުﷲ ނާޝިދުއެވެ.