ޚަބަރު

ބަލޮންޑޯ ހަފުލާ ބޮއިކޮޓް ކުރުން އަންޗެލޮޓީ ދިފާއުކޮށްފި


ނިމިގެންދިޔަ ބަލޮންޑޯ އެވޯޑް ހަފުލާ ރެއާލް މެޑްރިޑުން ބޮއިކޮޓް ކުރުން އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ދިފާއުކޮށްފި އެވެ.

ރެއާލް މެޑްރިޑް އިން އެ ހަފްލާ ބޮއިކޮޓް ކޮށްފައިވަނީ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެ ކްލަބުގެ ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ އަށް ނުލިބޭނެކަން ޔަގީން ވުމާއި ގުޅިގެންނެވެ. އަދި އެ ހަފްލާ ބޮއިކޮޓް ކުރުމާއިއެކު އަހަރުގެ މޮޅު ކޯޗުގެ މަގާމު ލިބުނު އަންޗެލޮޓީ އެ އެވޯޑާއި ހަވާލުވުމަށްވެސް ގޮސްފައެއް ނުވެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ނިކުންނައިރު މިވާހަކަ އަލުން ދެކެވެން ފަށާފައިވަނީ ވިނިޝިއުސްގެ ބަދަލުގައި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެންޗެސްޓަރ ސިޓީގެ ރޮޑްރީއަށް ލިބިފައިވާތީ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭ ގޮތުން އަންޗެލޮޓީއަށް އަމާޒުވި ސުވާލުތަކާއި ގުޅިގެން އޭނާ ބުނެފައިވަނީ އެ ނިންމުމާއިމެދު ދެރަ ނުވާކަމަށާއި އެއީ ރޮޑްރީއަށް އެ މަގާމު ލިބޭތީ އޭނާއަށް އިހުތިރާމް ކުޑަކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

"ރޮޑްރީއަށް އެ މަގާމު ލިބުމުން އަހަރެން އެކަމާއި އުފާކުރަން އެކަމަކު ވިނީޝިއުސް ވަނީ މިދިޔަ އަހަރު ވަރަށް މޮޅު ކުޅުމެއް ދައްކާފައި. އަހަރެން ގަބޫލުކުރާ ގޮތުގައި ރޮޑްރީއަށް 2023 ވަނަ އަހަރު އެ މަގާމު ލިބުން މާ ހައްގު" އަންޗެލޮޓީ ބުންޏެވެ.

2023 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު މެންޗެސްޓަރ ސިޓީއިން ހޯދިއިރު ރޮޑްރީ ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ބޭއްވި ބަލޮންޑޯ ހަފްލާއަށް ފަހު ފުރަތަމަ ފަހަރަށް މި ދެ ޓީމު ބައްދަލުކުރާއިރު މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފައިވަނީ އެ ހަފްލާ ރެއާލް މެޑްރިޑް އިން ބޮއިކޮޓް ކުރުމާއި ގުޅިގެން އެކަމުގެ އެއްވެސް އަސަރެއް އަދި އެކަމާއިމެދު އެއްވެސް ވަރަކަށް އެ ކްލަބުން ނުވިސްނާ ކަމަށެވެ.

ގާޑިއޯލާ ވެސް ބުނެފައިވަނީ ރޮޑްރީއަށް އެ އެވޯޑް ލިބުމުން އުފާ ކުރާ ކަމަށާއި އަދި ވިނީޝިއުސްވެސް ތަފާތު މޮޅު ކުޅުމެއް މިދިޔަ ސީޒަނުގައި ދައްކާފައިވާ ކަމަށެވެ. އަދި އެއީ ރޮނާލްޑޯ އާއި މެސީގެ މެދުގައި ފާއިތުވެދިޔަ ތަނުގައި އޮތް ކަހަލަ ވާދަވެރިކަމެއް ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.