މުހިންމު ގިނަ މަސައްކަތްތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާ މާދަމާ ބާއްވަން ނިންމައިފިއެވެ.
މިޖަލްސާގައި ފުރަތަމަ ކަމަކަށް އޮންނާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުނ،ް 17 ނޮވެންބަރު 2023 ގައި އުފައްދަވާފައިވާ ވުޒާރާތަކުގެ ތެރެއިން 3 ވުޒާރާއެއްގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މަސައްކަތެވެ.
މީގެއިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައ،ި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ޠާރިޤު އިބްރާހީމަށ،ް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލ،ަ ދިރާސާކޮށް ގޮތެއް ނިންމުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުންވެސް މިޖަލްސާގައި އޮންނާނެއެވެ.
އަދި ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ކުރިއަށް އޮތް 2 އަހަރުދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް ފޮނުއްވާފައިވާ މައްސަލ،ަ ދިރާސާކޮށް ގޮތެއް ނިންމުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމާއި، އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމުގެ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވުންވެސް އޮންނާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި ދެބިލެއްގެ ބަހުސް ކުރިއަށް ގެންދިއުންވެސް އޮންނާނެއެވެ.
މި ޖަލްސާގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާ ކުރުމާ ގުޅޭ ބިލެއްވެސް ހުށަހަޅާނެއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޟަމީރެވެ.