ޚަބަރު

ޗެމްޕިއަންސް ޓްރޮޕީއަށް ދާ ދެކުނު އެފްރިކާގެ ސްކޮޑުގައި ބާޝް ހިމަނައިފި


މިމަހުގެ 19 ގައި ފަށާ ޗެމްޕިއަންސް ޓްރޮފީ މުބާރާތުގައި ބައިވެރިވާ ދެކުނު އެފްރިކާގެ ކްރިކެޓް ޓީމުގެ ސްކޮޑްގައި އެންރިކް ނޮކިއާގެ ބަދަލުގައި އޯލްރައުންޑަރ ކޯރްބިން ބާޝް ހިމަނައިފިއެވެ.

ޕާކިސްތާނާއި ޔޫއޭއީގައި ކުރިޔަށް ގެންދާ ޗެމްޕިއަންސް ޓްރޮފީ މުބާރާތަށް ދާ 15 ކުޅުންތެރިންގެ ސްކޮޑްގައި ބާޝް ހިމެނީ ބާރު އުކުންތެރިޔާ އެންރިކް ނޮކިއާއަށް އަނިޔާގެ ސަބަބުން ކުޅެވެން ނެތުމުންނެވެ.

އުމުރުން 30 އަހަރުގެ ބާޝްއަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ މި ސީޒަނުގައެވެ. އަދި އޭނާ އެންމެ ފުރަތަމަ މެޗެއް ކުޅުނީ ޖޮހޮނަސްބާގްގައި ފާކިސްތާނާއި ދެކޮޅަށް ޑިސެމްބަރުގައި ކުޅުނު މެޗެއްގައެވެ.

ޕާކިސްތާނާއި ނިއުޒިލޭންޑު ބައިވެރިވާ، މިހާރު ކުރިޔަށްދާ ޓްރައި-ނޭޝަންސް ޓޯނަމަންޓުގައިވެސް ބާޝް ބައިވެރިވާނެއެވެ.

އަނިޔާގެ މައްސަލަ ދިމާވެފައިވާ ސްކޮޑުގައި ބާޝްގެ އިތުރުން ރިޒާވް ކުޅުންތެރިއެއްގެ ގޮތުގައި އުމުރުން 18 އަހަރުގެ ބާރު އުކުންތެރިޔާ ކްވޭނާ މަޕާކާވެސް ޗެމްޕިއަންސް ޓްރޮފީ މުބާރާތަށް ދާނެއެވެ.

އެ ޓީމުން ވަނީ މުބާރާތުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ޕާކިސްތާނުގެ ކުރީގެ އިންޓަނޭޝަނަލް އޯލްރައުންޑާ ޔާސިރު އަރަފާތު ހަމަޖައްސައިފަ އެވެ.

ސައުތު އެފްރިކާ ޗެމްޕިއަންސް ޓްރޮފީގައި ބައިވެރިވާ ސްކޮޑްގައި ހިމެނެނީ ކެޕްޓަން ޓެމްބާ ބަވުމާ އާއި ކޯބިން ބޯޝް، ޓޯނީ ޑި ޒޯޒީ، މާކޯ ޖެންސެން، ހެއިންރިޗް ކްލާސެން، ކޭޝަވް މަހާރާޖް، އެޑެން މާކްރަމް، ޑޭވިޑް މިލާ، ވިއާން މޯލްޑާ، ލުންގީ އެންގިޑީ، ކަގިސޯ ރަބާޑާ، ރަޔަން ރިކެލްޓަން، ތަބްރައިޒް ޝަމްސީ، ޓްރިސްޓަން ސްޓަބްސް އަދި ރަސީ ވެން ޑަ ޑުސެން އެވެ.