ޚަބަރު

މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް: ސިންގަލްސް ޗެމްޕިއަންކަން ނޫހު އާއި އާރާއަށް


ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި 12 ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުޙައްމަދު ނޫހް ނާޒިހު އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން އާރާ އާސާލް އާޒިމް ހޯދައިފިއެވެ.

މުބާރާތުގެ ކުޅުން ޖުމްލަ 10 ކެޓަގަރީއަކަށް ބަހާލައިގެން ކުޅުނުއިރު، މި މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ނޫހު ހޯދީ ފައިނަލުގައި ލޫތު އަގްލީމް އަޙްމަދާއި ވާދަކޮށް 6-3 އަދި 6-1 ގެ ނަތީޖާއަކުންނެވެ. މީގެއިތުރުން އަންހެން ސިންގަލްސް ޗެމްޕިއަންކަން އާރާ އާސާލް އާޒިމް ހޯދީ ފައިނަލުގައި ނަބާ ނިޝާން އާއި ވާދަކޮށް 6-3 އަދި 6-3 އިންނެވެ.

މުބާރާތުގެ މެންސް އޯޕަން ޑަބަލްސްގެ ޗެމްޕިއަންކަން މުޙައްމަދު ކައިސާން އިއްޒަތު ރަޝީދާއި މުޙައްމަދު ނޫހު ނާޒިހުގެ ޕެއާ ހޯދިއިރު އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނަބާ ނިޝާން އާއި އާރާ އާސާލް އާޒިމްގެ ޕެއާ އެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނަޔާރާ އުސާމާ އަލީ އާއި އަހްމަދު އައިހަމް ޝިޔާމްގެ ޕެއާ އެވެ.

މީގެއިތުރުން 45 އަހަރުން މަތީގެ ސިންގަލްސް ޗެމްޕިއަންކަން މުޙައްމަދު ނޫހު ނާޒިހު ހޯދިއިރު ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުޙައްމަދު ކައިސާން އިއްޒަތު ރަޝީދާއި މުޙައްމަދު ނޫހު ނާޒިހުގެ ޕެއާ އެވެ.

ޖޫނިއާ އޯޕަން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުޙައްމަދު ނޫހު ނާޒިހު ހޯދިއިރު، އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އާރާ އާސާލް އާޒިމެވެ.

މުބާރާތުގައި ދެން ކުޅުނު އުމުރުފުރާތަކަކީ 7 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ އުމުރުފުރާއެވެ. މިއިން ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ސިންގަލްސް އާއި ޑަބަލްސް ކެޓަގަރީތައް ހިމެނެއެވެ.

މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް 2025 ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އެވެ. މި ރަސްމިއްޔާތުގައި ޓެނިސް އެސޯސިއޭޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު، މިއީ މިއަހަރު ޓެނިސް އެސޯސިއޭޝަނުން ރާވާ އިންތިޒާމުކުރި ފުރަތަމަ މުބާރާތެވެ.