ސްޕެއިންގެ ލަލީގާގެ ރެފްރީންގެ ނިންމުންތަކާއި ދެކޮޅަށް ރެއާލް މެޑްރިޑް އިން ފޮނުވި ސިޓީ އާއި ގުޅިގެން ލަލީގާގެ ރައީސް ހާވިއާ ޓެބާސް ދެއްކި ވާހަކައަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީ ރައްދު ދީފި އެވެ.
އެންޗެލޮއްޓީ ބުނެފައިވަނީ ރެއާލް މެޑްރިޑްގެ އެއްވެސް މީހަކު ބޯގޯސްވެގެން ނޫޅޭ ކަމަށާއި ޓެބާސް ހަމަޖެހިގެން އުޅެން ޖެހޭ ކަމަށެވެ. އަދި އެ ކްލަބުން މަސައްކަތް ކުރަނީ ކަމެއް ހިނގާފައިވާ ގޮތުގެ މައުލޫމާތު ސާފު ކުރުމަށް ކަމަށާއި މިއީ ވަކި ރެއާލް މެޑްރިޑްގެ އެކަނި ވިސްނުމެއް ނޫން ކަމަށާއި ރެފްރީންގެ ނިންމުންތަކާއިމެދު ގިނަ ކްލަބްތަކެއްގެ ކަންބޮޑުވުން އެބަހުރި ކަމަށްވެސް އެންޗެލޮއްޓީ ވަނީ ބުނެފަ އެވެ.
މި މައްސަލަ ހޫނު ވެފައިވަނީ އެސްޕަނިއޯލް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވި މެޗުގައި ރެފްރީގެ ނިންމުންތައް ގޯސްކަމަށް ބުނެ އެ މެޗުގައި އެމްބާޕޭ އަށް އެސްޕަނިއޯލްގެ ކާލޯސް ރޮމޭރޯ ކުރި ފައުލާއި ގުޅިގެން ވީޑިއޯ އެސިސްޓެންޓް ރެފްރީންނާއި ރެފްރީ އާއި ދެމެދު ދެކެވުނު ވާހަކަތަކުގެ އޯޑިއޯ ހޯދުމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިތުރުން ސްޕެއިންގެ ކުޅިވަރު ކަންތައްތަކާއިބެހޭ އެންމެ މަތީ ކައުންސިލަށެވެ.
ރެއާލް މެޑްރިޑް އިން ގަބޫލުކުރާ ގޮތުގައި އެސްޕަނިއޯލް އިން ލަނޑު ޖެހި ކާލޯސް ރޮމޭރޯ އޭގެ ކުރިން އެމްބާޕޭ އަށް ކުރި ފައުލާއިއެކު އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލަން ޖެހޭނެ އެވެ.
އެންޗެލޮއްޓީ އިތުރަށް ބުނެފައިވަނީ އޭނާ އަކީ އަބަދުވެސް މެޗުން މޮޅުވާން ބޭނުންވާ މީހެއް ކަމަށާއި މިފަދަ ކަންތައްތަކާއި މެދު ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. އަދި އެ ކްލަބަށް ކުރިމަތިވެފައިވާ އަނިޔާގެ ގިނަ މައްސަލަ ތަކާއިއެކުވެސް ރަގަޅު ހިސާބެއްގައި އޮތީ މެޗުތަކުން މޮޅުވާން ކުރާ މަސައްކަތުން ކަމަށެވެ.
މި ސީޒަނުގައި ގަދަ ހަތަރަކަށް ވާދަކުރާ ވަރުގަދަ ޓީމުތައް އަތުން ރެއާލް މެޑްރިޑް އަދި މޮޅުވެފައެއް ނުވެއެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅެންޖެހޭ ޕްލޭއޮފް މެޗަކީ އެ ކްލަބަށް ވަރަށް މުހިންމު މެޗެކެވެ.