ޚަބަރު

ގއ. ވިލިގިނލީގައި މަންމައާއި ތުއްތުކުއްޖާ ނިޔާވުން: އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބަލަނީ


  • އިހުމާލެއްވާނަމަ އެ ފަރާތެއް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ވަނީ އަންގާފައި

  • މަޢުލޫމާތު ލިބޭ ގޮތުގައި މަންމައާއި ދަރިފުޅު މަރުވީ ސިޒޭރިއަން ހެދުމަށްފަހު

ގއ. ވިލިގިނލީގައި އިއްޔެގެ ވަގުތެއްގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބެލުމަށް ޖިނާޢީ ތަޙުޤީޤެއް ހިންގުމަށް ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ކުއްޖާއާއި މަންމަ މަރުވި ހާދިސާގައި ޖިނާޢީ ތަޙުޤީޤެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގާފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ކުއްޖާއާއި މަންމަ ނިޔާވެފައިވަނީ ސިޒޭރިއަން ހެދުމަށްފަހުއެވެ.

މަންމާއާއި ދަރިފުޅު ނިޔާވި މައްސަލަ ޞިއްޙީ ވުޒާރާއިން އިސްނަގައިގެން ބަލަން ފަށާފައިވާކަންވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި ހާދިސާ ރިވިއުކުރަމުންދާ ކަމަށެވެ. އަދި މިކަން ހިނގާ ދިޔަ ގޮތް ބަލާނެ ކަމަށާއި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށްވެސް ޞިއްހީ ވުޒާރާއިން ވިދާޅުވިއެވެ.


މަޢުލޫމާތު ލިބޭ ގޮތުގައި ކުއްޖާގެ މަންމަ ނިޔާވީ މިދިޔަ އަންގާރަ ދުވަހު ވިލިނގިލީ ހޮސްޕިޓަލުގައި އެޑްމިޓުކުރުމަށްފަހު، ހާލު ސީރިއަސްވާން ފެށުމުން ސިޒޭރިއަން ހެދުމަށްފަހުއެވެ. އަދި އޭނާ ނިޔާވީ އިތުރު ފަރުވާއަށް މާލެ ގެންނަން ކޫއްޑޫ އެއަރޕޯޓުގައި ތިއްބާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންކަމަށްވެސް މަޢުލޫމާތު ލިބެއެވެ.