ސްޕެއިންގެ ކޮޕާ ޑެލްރޭ ގެ ކުއާޓަރ ފައިނަލުގައި ރޭ ވެލެންސިއާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު 5-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
ވެލެންސިއާގެ މަސްޓެއްލާ ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ބާސެލޯނާ ނިކުތްއިރު ސްޕެނިޝް ލަލީގާގައި މީގެ 11 ދުވަސް ކުރިން މި ދެ ޓީމު ބައްދަލުކުރި މެޗު ބާސެލޯނާ އިން ވަނީ 7-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.
ބާސެލޯނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ތިންވަނަ މިނިޓުގައި ފެރާން ޓޮރޭޒް ވަނީ ލަނޑެއް ޖަހާ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ. އަދި އޭގެ 14 މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ބާސެލޯނާ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 23 ވަނަ މިނިޓުގައި ފާރމިން ލޮޕޭޒް ކާމިޔާބުކޮށްދިންއިރު އޭގެ 7 މިނިޓު ފަހުން ފެރާން ޓޮރޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ.
އުމުރުން 24 އަހަރުގެ ޓޮރޭޒް 27 މިނިޓުގެ ތެރޭގައި ހެދި މި ހެޓްރިކަކީ 2008 ވަނަ އަހަރު 24 މިނިޓުގެ ތެރޭގައި ސެމުއެލް އެޓޫ އަލްމޭރިއާ އާއި ދެކޮޅަށް ހެދި ހެޓްރިކްގެ ފަހުން ބާސެލޯނާގެ ކުޅުންތެރިއަކު ހެދި އެންމެ އަވަސް ހެޓްރިކެވެ.
ވެލެންސިއާ އިން ފުޓްބޯޅަ ހަޔާތް ފެށި ފެރާން ޓޮރޭޒް މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު އޭނާ އާންމުކޮށް ފެނިގެންދަނީ ފޯވަޑް ރޮބަޓް ލެވަންޑޯސްކީގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މި މެޗުގައިވެސް ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ ލެވަންޑޯސްކީ އަށް އަރާމު ކުރަން ފުރުސަތު ދީފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 59 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލަމީން ޔަމާލް އެވެ.
ރޭގެ މެޗާއިއެކު މި މުބާރާތުގެ ސެމީ ފައިނަލަށް ވަނީ ހަތަރު ކްލަބު ހޮވިފަ އެވެ. ބާސެލޯނާގެ އިތުރުން ދެން ސެމީ ފައިނަލުގެ ޖާގަ ހޯދާފައިވާ ކްލަބްތަކަކީ ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑްގެ އިތުރުން ރެއާލް ސޮސިއެޑާޑް އެވެ.
ރެއާލް ސޮސިއެޑާޑް އިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އޮސަސޫނާ 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.