ޚަބަރު

ބެންޒޭމާގެ ލަނޑުން އަލް އިއްތިހާދު މޮޅުވެއްޖެ


ސައުދި އަރަބިއްޔާގެ ޕްރޯ ލީގުގައި ރޭ އަލް ތާވޫން އާއި ދެކޮޅަށް އަލް އިއްތިހާދު ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ މަގާމު ދިފާއުކޮށްފި އެވެ.

މި މެޗުން މޮޅުވުމާއެކު އަލް އިއްތިހާދަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން 49 ޕޮއިންޓާއެކު އެއްވަނަ މަގާމު އަލުން ލިބިފަ އެވެ. ދެވަނައިގައި އޮތް އަލް ހިލާލް އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 46 ޕޮއިންޓެވެ. އެހެންކަމުން އެ ޓީމު ދެން ކުޅޭ މެޗެއް ކާމިޔާބުކޮށްފިނަމަ 49 ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުން އަލް ހިލާލް އެއްވަނައަށް އަރާނެ އެވެ. އެ ކްލަބަށް ފައިދާ ގޯލުގެ ގޮތުގައި 40 ގޯލު ލިބިފައިވާއިރު އަލް އިއްތިހާދުގެ ފައިދާ ގޯލަކީ 28 އެވެ.

ރަށުން ބޭރުގައި އަލް އިއްތިހާދު ކުޅުނު މި މެޗުގެ 21 ވަނަ މިނިޓުގައި އަލް އިއްތިހާދުން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަބްދުލްރަހުމާން އަލް އޮބޫދު އެވެ.

ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދިހަ ވަނަ މިނިޓުގައި އަލް ތާވޫންގެ މޫސާ ބަރޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗު އެއްވަރުވެގެން ނިމެނޭކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިއްބާ މި މެޗުން އަލް އިއްތިހާދު މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކަރީމް ބެންޒޭމާ އެވެ.