ފަލަސްޠީނުގެ ޣައްޒާގައި ހަނގުރާމަކޮށް ނިމުމުން ޔަހޫދީން އެ ރަށް ހުސް ކޮށް އެމެރިކާއާ ޙަވާލު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ފަލަސްޠީނުގެ ޣައްޒާ ފޭރިގަނެ، ގަދަ ބާރުން އެ ޤައުމުގެ ރައްޔިތުން އަމިއްލަ ވަޒަނުން ބާލައި، އެއީ އެމެރިކާގެ މިލްކެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ، ޣައްޒާގެ ރައްޔިތުން ވަޒަނުން ބާލައި، އެ ތަން ތަރައްޤީކޮށް، އެ ތަނުން އިޤުތިޞާދީ ނަފާ ހޯދަން ބޭނުންވާ ކަމަށެވެ.
ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒު ވެފައެވެ. ޓްރަމްޕްގެ ހުށަހެޅުމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ އެކުވެރިންނާއި ހަތުރުން ވެސް ހިމެނެވެ. މެދުއިރުމަތީގެ ޤައުމުތަކުން ވެސް ވަނީ އެ ހުށަހެޅުމާމެދު ނުހުރުން ފާޅު ކޮށްފައެވެ. ޓްރަމްޕްގެ ހުށަހެޅުމަށް ފާޑުވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގައި އޭނާގެ ރިޕަބްލިކަން ޕާޓީ ތަމްސީލު ކުރައްވާ ބައެއް މުހިންމު އަދި ފާހަގަކޮށްލެވޭ މެންބަރުން ވެސް ހިމެނެއެވެ.
ފާޑުކިޔުންަތައް އަމާޒު ވުމުގެ އެއް ދުވައސް ފަހުން ޔަހޫދީ ސަރުކާރުން ވަނީ ޣައްޒާގެ ރައްޔިތުން އަމިއްލަ އިޚްތިޔާރުގައި އެ ރަށް ދޫކޮށް ދިޔުމަށް ފުރުޞަތު ދިނުމަށް ތައްޔާރު ވުމަށް އަސްކަރިއްޔާއަށް އަންގައިފައެވެ. ޔަހޫދީންގެ ދިފާޢީ ވަޒީރު އިސްރާއީލް ކެޓްޒް ވަނީ ޓްރަމްޕްގެ ހުށަހެޅުމަށް މަރުޙަބާ ކިޔައިފައެވެ. އޭނާ ބުނީ ޣައްޒާ ދޫކޮށް ދިޔުމަށް ބޭނުންވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެ ކަން މަގުފަހި ކޮށްދިނުމުގެ ޕްލޭނެއް އެކުލަވާލުމަށް އަސްކަރިއްޔާއަށް އަންގާފައިވާ ކަމަށެވެ. ޔަހޫދީން ތައްޔާރު ކުރާ ޕްލޭނުގައި އެއްގަމު މަގުންނާއި ކަނޑުމަގުންނާއި ވައިގެ މަގުން ވެސް ޣައްޒާ ދޫކޮށް ދިޔުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އޭނާ ވަނީ ބުނެފައވެ.
ކެޓްޒްގެ ވާހަކަތަކަށް ފަހު ޓްރަމްޕް ވަނީ ޣައްޒާއަށް ގަދަބާރުން އަރާނެ ކަމަށް ބުނި ބުނުން އިތުރަށް ތަފްޞީލް ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ މިހާރު ދެން އެމެރިކާގެ ފައުޖުތައް ޣައްޒާއަށް ފޮނުވުމުގެ ބޭނުމެއް ނެތް ކަމަށާއި ޣައްޒާގެ ހަނގުރާމަ ނިމި އެ ރަށުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެހެން ސަރަޙައްދަކަށް ބަދަލު ކުރުމަށް ފަހު ޔަހޫދީން އެމެރިކާއަށް ޣައްޒާ ޙަވާލު ކުރާނެ ކަމަށެވެ. އެހެންކަމުން ދެން ޣައްޒާއަށް ސިފައިން ފޮނުވަން ނުުޖެހޭނެ ކަމަށެވެ. ޣައްޒާގެ ރައްޔިތުން އެެހެން ސަރަޙައްދުތަކަށް ބަދަލު ކުރުމުން އެ މީހުން ދިރިއުޅޭނީ ޒަމާނީ އަދި ރީތި ގޭގޭގައި ކަމަށާއި ހިތްގައިމު މުޖުތަމަޢުތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކަމާ ގުޅިގެން ޣައްޒާގައި ވެރިކަންކުރާ ޙަމާސްގެ އިސްވެރިއެއް ކަމަށްވާ ބައްސާމް ނަޢީމް ވިދާޅުވީ ޣައްޒާގެ ރައްޔިތުން އެ ރަށް ދޫކޮށް ދުވަހަކު ވެސް ދާން ބޭނުން ނުވާނެ ކަމަށާއި ރައްޔިތުން އަމިއްލަ ފަސްގަނޑުދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ. ކެޓްޒްގެ ވާހަކަތަކަކީ ޔަހޫދީން ޣައްޒާގައި ޙާޞިލް ކުރުމަށް މަސައްކަތްކަތް ކުރި ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް ނުކުޅެދުމުން އެ ކަން ފޮރުވާ މަތިއޮމާން ކުރުމަށް ދައްކާ ވާހަކަތަކެއް ކަމުގައި އޭނާ ސިފަ ކުރެއްވިއެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކުރުވުމަކީ މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ޒަމާންވީ އަދި ހައްސާސްކަން ބޮޑު މައްސަލައެވެ. ގަދަބާރުން ނުވަތަ މަޖުބޫރު ކޮށްގެން ބަޔަކު ގެދޮރުން ނެރެލުމަކީ 1949ވަނަ އަހަރުގެ ޖެނީވާ މުއާހަދާތަކުގައި ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޢަމަލެކެވެ. ފާއިތުވި 16 މަސް ދުވަހުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ދެމުން ދިޔަ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން އެ މީހުންގެ ގެދޮރު ދޫކޮށް އެ ސަހަރުގެ އެކި ސަރަޙައްދުތަކަށް އެތައް ފަހަރަކު ބަދަލުވާން މަޖުބޫރުވިއެވެ.