ޚަބަރު

ޤައުމު މިހާލަތަށް ވައްޓާލީ ކުރީ ސަރުކާރުތަކުން؛ ޤާސިމްގެ ތަޢުރީފް ރައީސަށް


  • ޤައުމުގެ ކަންކަން ހަމަމަގަށް އެޅުވުމަށް ރައީސްގެ ރަނގަޅު ނިޔަތެއް އެބައޮތްކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީ ބަޔާނުން، ކަންކަން ކުރުމުގެ ރަނގަޅު ނިޔަތެއް އެމަނިކުފާނުގެ އެބައޮތް ކަމަށް އެނގިގެން ހިންގައްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ ސަރުކާރުގެ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރުކަންވެސް ކުރައްވަމުން އަންނަ ޤާސިމް ވިދާޅުވީ ޤައުމު މިއަދު އޮތް ހާލަތަށް ވެއްޓިފައިވަނީ ކުރީގެ ސަރުކާރުތަކުން ކަންކަން ކުރައްވާފައިވާ ގޮތުން ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފުރުސަތު ދެއްވަން ޖެހޭކަން ފާހަގަކުރައްވާ، ޤާސިމްވަނީ މިއަދު ޤައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރައްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް ތަޢުރީފް ކުރައްވާފައެވެ.

"ސަރުކާރަށް ފުރުސަތު ދެއްވަން އެބަޖެހޭ. އަޅުގަނޑު ބާރުލާފައި މިދަންނަވަނީ، މިއަދު ޤައުމު މިހާލަތަށްއައީ ކުރީގެ ސަރުކާރުތަކުން ކުރައްވާފައިވާ ކަންތައްތަކުގެ ސަބަބުންނޭ. އާސަންދަ ބޭނުންވާ ވަރަށް ނުދެެވިގެން އެއުޅެނީ އެހެންވެގެންނޭ. ކުރީގައި ހުރި ބެކްލޮގްވެސް އެއުޅެނީ ނުފިލުވިގެން. އެހެން އޮވެމެ މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާވެސް ދޭން ފަށައިފި. އެހެންވީމަ އަޅުގަނޑުގެ ހިތުގައި ވަރަށް ބޮޑަށް ތަޢުރީފް އެބައޮތް. ކަންތައްތައް އެބަ ރަނގަޅު ކުރައްވާ " ޤާސިމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޤާސިމް ވަނީ އިދިކޮޅު އެމްޑީޕީއަށް ގިނަ ފާޑުކިއުންތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން ޚާރިޖީ ގޮތުން ޒަމާންތަކަށް ވަންދެން ދިވެހިން ހިފަހައްޓަމުން އައި ހަމަތައް 2008 ވަނަ އަހަރު ވެރިކަމަށް އައި އެމްޑީޕީ ސަރުކާރުން ދޫކޮށްލިކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޤާނޫނު އަސާސީއާ ޚިލާފަށް މެންބަރުން ޕާޓީ ބަދަލުކުރުމުގެ އިސްލާހު ފާސްކުރީވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުންކަން ޤާސިމް ފާހަގަކުރެއްވިއެވެ.

"ވަރަށް ތަނަވަސް އަޤުލަބިއްޔަތުން ރައީސް މުޢިއްޒު ހޮވާފައި މިވަނީ. ރައްޔިތުން މިވަނީ ސުޕަމެޖޯރިޓީވެސް ދެއްވާފައި. އެހެންވީމަ މިއަދު އަޅުގަނޑުމެންނަށް ހައްޤެއް ނެތް އޮޕޮޒިޝަންގައި ތިބެގެންވެސް އެގޮތަށް ޤައުމު ފަސާދައަށް ވެއްޓޭނެ ޤައުމު ހަލާކުވާނެ ގޮތަށް ކަންކަން ކުރާކަށް. އެއީ ޤާނޫނުއަސާސީ ލިބިދޭ މިނިވަން ކަމެއް ނޫން" ޤާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލިޑަރު ޤާސިމް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން އެ ބަޔާނުން އެމަނިކުފާނު ކަންކަން ކުރެއްވުމުގެ ރަނގަޅު ނިޔަތެއް ގެންގުޅުއްވާކަން ހާމަވެގެންދިޔަ ކަމަށް ޤާސިމް ވިދާޅުވިއެވެ.