އައްޑޫ ސިޓީ ބްރިޖްގެ މަސައްކަތްކުރުމަށް ހަދަންޖެހޭ ޑީޓެއިލްޑް ސަރވޭ އާއި އިންޖިނިއަރިންގ ޑިޒައިންކުރާނެ ފަރާތެއް ހޯދުމަށް މިމަހުގެ ތެރޭގައި ޢިއުލާންކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވަނީ ބްރިޖްގެ އިތުރުން އައްޑޫ ސިޓީގައި ކުރިއަށްގެންދާނެ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ.
މިއަހަރު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައިވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢު ނިމުމަކަށް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ މިމަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިންމު މަގުތައް ރަނގަޅު ފެންވަރަށް ހެދުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށެވެ. އަދި އައްޑޫ ސިޓީ ބްރިޖްގެ މަސައްކަތްކުރުން އަވަސްކުރުމަށްޓަކައި، ޑީޓެއިލްޑް ސަރވޭ އާއި އިންޖިނިއަރިންގ ޑިޒައިން ކުރާނެ ފަރާތެއް ހޯދައި ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް މިމަހުގެ ތެރޭގައި އިޢުލާން ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އައްޑޫ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސަރވޭ އަދި އިންޖިނިއަރިންގ ޑިޒައިން ކުރާނެ ފަރާތެއް ހޯދައި ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މިމަހުގެ ތެރޭގައި އިޢުލާން ކުރާނަން." ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި އިޤްތިޞާދަށް ނަފާވާނެ މަޝްރޫޢުތަކުގެ ތެރެއިން އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓު މިއަހަރުގެ ތެރޭގައި ހުޅުވާނެކަންވަނީ ޢިއުލާންކުރައްވާފައެވެ. މިއީ ދެކުނުގެ ފަތުރުވެރިކަމާއި ތަރައްޤީއާއި ސީދާގޮތުން ގުޅިފައިވާ މަޝްރޫޢެކެވެ. ރައީސް ވިދާޅުވީ އައްޑުއަށް ދިމާވެފައިވާ ފެނުގެ ނިޒާމުގެ މައްސަލަ ޙައްލުކުރުމަށް މި ސަރުކާރުން ފެށި 282 މިލިއަން ރުފިޔާގެ މަޝްރޫޢުގެ މަސައްކަތް ނިމި އޭގެ ފަސޭހަކަން މިއަހަރު ތެރޭގައި އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.
އައްޑޫ ސިޓީގެ ތަރައްޤީއާއި ގުޅޭގޮތުން އިތުރަށް ރައީސް ވިދާޅުވީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރުޞަތު އޮތް ރަށްރަށުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ 6 ރަށެއްގައި ޖުމްލަ 1100 ޔުނިޓު ތަރައްޤީކުރުމަށް ކޮންޓްރެކްޓަރުން ހޯދުމަށް ވާނީ އިޢުލާންކޮށްފައިވާކަމަށެވެ. މީގެއިތުރުން ރާއްޖޭގެ 3 ސަރަޙައްދެއްގައި ޤާއިމުކުރާ ޑޮމެސްޓިކް ވަޔަލަންސް ޝެލްޓަރތައް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފުރަތަމަ ޝެލްޓަރގެ މަސައްކަތް އައްޑޫ ސިޓީގައި ފެށުމަށް މިމަހު ޢިއުލާންކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު އައްޑޫ ސިޓީ ފޭދޫގައި ތަރައްޤީކުރާ "އިސްރަށްވެހިންގެ ހިޔާވަހި" ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ކުރިއަށްގެންދިޔުމަށް ޢިއުލާން ކުރައްވާފައިވާކަންވެސް ރައީސްވަނީ ފާހަގަކުރައްވާފައެވެ.