ޚަބަރު

"ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދުގެ މަސައްކަތް މިއަހަރު ފެށޭނެ"


  • ދަނޑުވެރިކަން އިޤްތިޞާދުގެ މުހިންމު ބަޔަކަށް ހައްދަވާނެ ކަމާށް ރައީސް ވިދާޅުވި

  • ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދުގެ މަސައްކަތް 2028 އަށް ނިމޭނެ ކަމަށް ރައީސް ވިދާޅުވި

ދަނޑުވެރިކަމުގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިމަސައްކަތަކީ ދިވެހި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

ދަނޑުވެރިކަމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިމަސައްކަތައް ހާއްސަ އިޤްތިޞާދީ ސަރަހައްދެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަމުން، ވަނީ މަސްވެރިކަމާއި އެއްގޮތަށް ދަނޑުވެރިކަން ޒަމާނީ ކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.

މިމަސައްކަތުގެ ތެރެއިން ދިވެހި އިޤްތިޞާދުގެ މުހިންމު ބައިވެރިއަކަށް ދަނޑުވެރިކަން ހައްދަވަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ދިވެހި އިޤުތިޞާދުގެ މުހިންމު ބައިވެރިއަކަށް ދިވެހި ދަނޑުވެރިކަން ބަދަލުކުރަން އަޅުގަނޑު ބޭނުން. އެ ގޮތުން ދަނޑުވެރިކަމުގެ ދާއިރާއިން ޚާއްޞަ ތަރައްޤީގެ މަސައްކަތްތަކެއް މިއަހަރު ކުރުމަށް ވަނީ ރޭވިފައި. އޭގެ ތެރޭގައި ދަނޑުވެރިކަމުގެ ޚާއްޞަ އިޤްތިޞާދީ ޒޯނެއް ޤާއިމުކުރެވޭނެ. ރާއްޖޭގައި އުފެއްދޭ މައިގަނޑު ބާވަތްތައް ފުޑް ސެކިއުރިޓީ ޤާއިމުކުރެވޭ މިންވަރަށް އުފެއްދުމުގެ ޚާއްޞަ މަޝްރޫޢެއް މިއަހަރު ފެށިގެންދާނެ. އަދި މި މަޝްރޫޢު 2028 ގައި ނިމި އޭގެ ފައިދާ ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ ޙާއްސަ އިޤްތިޞާދީ ސަރަހައްދު ޤާއިމްކުރުމަށް ސަރުކާރުން ފުރަތަމަ ނިންމީ އުތުރު ތިލަފަޅުގައެވެ. ނަމަވެސް އެމަސައްކަތް ފުށިދިއްގަރުފަޅަށް ބަދަލުކުރުމަށް މިހާރު ވަނީ ނިންމަވާފައެވެ. މިމަސައްކަތް ކުރިއަށް ގެންދަން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނި، މިޑްއެފްޒީއިން ޗައިނާގެ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުއެވެ.

މި މަޝްރޫޢުގެ ދަށުން 100 ހެކްޓަރުގެ ބިމުގައި ދަނޑުވެރިކަން ކުރުމަށް ގްރީން ހައުސްތައް އަޅާނެއެވެ. އަދި 100 ހެކްޓަރުގެ ބިމުގައި އަޑިއަށް ފައިބާ ތަރުކާރީއާއި މޭވާ ހެއްދުމަށް ޚާއްސަކުރާނެއެވެ. މީގެއިތުރުން 2 ވަނަ ފޭސްގައި ރާއްޖެއަށް ބޭނުންވާ ކުކުޅުބިސް އުފެއްދުމަށް ޚާއްސަ ޕޯލްޓްރީ ފާމެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.