ބަނގްލަދޭޝްގައި 2025/26ގައި ފުޓްބޯޅަ ސީޒަނުގައި ރެކޯޑް އަދަދަކަށް މުބާރާތް ބާއްވަން ނިންމައިފި އެވެ.
ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވަނީ އަލަށް ފަށާ ސީޒަނުގައި ފަސް މުބާރާތެއް ބޭއްވުމަށެވެ. މިއީ އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ ގިނަ މުބާރާތް ބާއްވާނެ ސީޒަން ކަމަށް ބަނގްލަދޭޝްގެ މީޑިއާތަކުން ބުނެ އެވެ.
ސީޒަން ފަށަން ނިންމާފައިވަނީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުންނެވެ. ސީޒަނުގެ ފަހު މުބާރާތަކަށްވާނީ އިންޑެޕެންޑެންސް ކަޕް ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތަކީ ހަމައެކަނި ބަނގްލަދޭޝްގެ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ބާއްވާ މުބާރާތެކެވެ.
ފުޓްބޯޅަ ސީޒަނުގައި ބާއްވަން ނިންމާފައިވާ އަނެއް ތިން މުބާރާތަކީ ބަނގްލަދޭޝް ޕްރެމިއާ ލީގާއި ފެޑަރޭޝަން ކަޕާއި ސުޕަކަޕް ފުޓްބޯޅަ މުބާރާތެވެ.
ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ވައިސް ޕްރެޒިޑެންޓް ހަސަން ވިދާޅުވީ އަންނަ ސީޒަން ނިންމަން ހަމަޖައްސާފައިވަނީ 2026ގެ އޭޕްރީލް މަހުގެ 22ގައި ކަމަށެވެ.
"އަހަރުމެން މިވަނީ އެންމެ ފަހު މެޗަކީ އޭޕްރީލް 22 ކަމުގައި ނިންމާފައި. ބަނގްލްދޭޝް ޗެމްޕިއަންޝިޕް ކުޅޭނީ މި ފަހަރު 11 ޓީމާއެކު. ޕްރެމިއާ ލީގުގެ ފެންވަރު ރަނގަޅު ކުރަން ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން،" ހަސަން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި އަހަރު ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަކީ ވެސް ބަނގްލަދޭޝްގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި މި ފަހަރު ބާއްވާ މުބާރާތްތައް ރާވާފައިވަނީ އެކަމަށް ފަހިވާ ގޮތަށް ކަމަށެވެ.
ބަނގްލަދޭޝް އަކީ ސާކް ސަރަހައްދުގައި އެންމެ ގަވާއިދުން ފުޓްވޯޅަ މުބާރާތްތައް ބާއްވާ ދެ ގައުމުން ކުރެ އެއް ގައުމެވެ. އަނެއް ގައުމަކީ އިންޑިޔާ އެވެ.