އުމުރުން 35 އަހަރަށްފަހު މަތީ ފެންވަރުގައި ފުޓްބޯޅަ ކުޅެވޭ ކަމީ އޭނާއަށް ލިބިފައިވާ ހަދިޔާއެއް ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރޮނާލްޑޯ މިހެން ބުނެފައިވަނީ އޭނާގެ 40 ވަނަ އުފަން ދުވަހާއި ގުޅިގެން ސައުދި އަރަބިއްޔާގެ ރިޔާދުގައި ކެނަލް 11 އަށް ދީފައިވާ އިންޓަވިއުއެއްގަ އެވެ. ރޮނާލްޑޯގެ އުފަން ދުވަހަކީ 5 ފެބްރުއަރީ އެވެ.
މި އިންޓަވިއުގައި ރޮނާލްޑޯ ވަނީ އޭނާގެ ފުޓްބޯޅަ ހަޔާތާއި ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކާފަ އެވެ. އެގޮތުން މިއީ މީގެ 10 ވަރަކަށް އަހަރު ކުރިން ކުރި އިންޓަވިއުއެއް ނަމަ އުމުރުން 40 އަހަރު ވަންދެން ކުޅެވޭނެ ކަމަށް ނުބުނާނެ ކަމަށްވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ހަށިގަނޑަށް އެންމެ ބޮޑަށް ބަލައިގެން އުޅޭ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯ ބުނެފައިވަނީ އޭނާ މިހާރު ފުޓްބޯޅަ ކުޅެނީ ފައިސާ ހޯދުމުގެ ނިޔަތުގައި ނޫން ކަމަށާއި އެއީ އޭނާ ކުޅޭ ހިތުން ނުވަތަ ކުރާހިތްވާ ކަމަކަށްވާތީ ކުރާ ކަމެއް ކަމަށެވެ.
އަދި ކުރިއަށް އޮތް ދެ ތިން އަހަރު މި ފެންވަރުގައި ކުޅެވޭނެކަމަށް އޭނާ ގަބޫލު ކުރާ ކަމަށާއި ކޮންމެވެސް ދުވަހަކުން ފުޓްބޯޅަ ކުޅުން ހުއްޓާލަން ޖެހޭނެކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް އޭނާ ކުޅުން ހުއްޓާލާނީ ކޮން ދުވަހަކުކަމެއް ސީދާ ބުނެފައެއް ނުވެއެވެ.
ރޮނާލްޑޯ އިތުރަށް ބުނެފައިވަނީ 2026 ވަނަ އަހަރުގެ ވޯލްޑްކަޕާއި ދެމެދު އަދި ވަރަށް ގިނަ ދުވަސް އެބައޮތް ކަމަށާއި އެހެންކަމުން އެ މުބާރާތުގައި ކުޅޭނެތޯ ނޫންތޯ އަދި ބުނަން ނޭނގޭ ކަމަށެވެ. ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ އަށް ނުލިބިއޮތް ހަމައެކަނި ކާމިޔާބީ އަކީ ވޯލްޑްކަޕްގެ ތަށްޓެވެ. އޭނާ ވަނީ އެހެން ހުރިހާ ކާމިޔާބީއެއް ހޯދާފަ އެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ކްލަބް ހިންގުމުގެ ތެރެއަށް ވަންނަން ބޭނުންވާ ކަމަށާއި އަދި ފުޓްބޯޅަ ކްލަބްތައް ހިންގުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ކަމަށްވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.