ދުނިޔޭގެ ކުރީގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އަދި ދެ ފަހަރެއްގެ މަތިން ގްރޭންޑް ސްލޭމް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިމޯނާ ހަލެޕް ރިޓަޔާކޮށްފިއެވެ.
ރޫމޭނިއާގެ ހަލެޕް އޭނާގެ ޕްރޮފެޝަނަލް ކެރިއާރ ދޫކޮށް ރިޓަޔާރ ކުރިކަން އިއުލާނުކޮށްފައިވަނީ ޓްރާންސިލްވޭނިއާ އޯޕަން މުބަރާތުގައި 6-1 އަދި 6-1 ން ލުސިއާ ބްރޮންޒެއްޓީ އަތުން ބަލިވުމުން ކޯޓުގައި ހުރެއެވެ.
އުމުރުން 33 އަހަރުގެ ހަލެޕް ރިޓަޔަރ ކުރަން ވިސްނީ ދާދި ފަހަކުން އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. މިދިޔަ މަހު ބޭއްވި އޮސްޓްރޭލިއަން އޯޕަންގެ ކޮލިފައިންގައިވެސް އޭނާއަށް ބައިވެރިނުވެވުނީ އަނިޔާގެ ސަބަބުންނެވެ.
ކޯޓުގައި ހުރެގެން ރިޓަޔަރ ކުރާކަން އިއުލާނުކޮށް ހަލެޕް ބުނީ މިއީ އޭނާ އަމިއްލައަށް ނިންމާ ނިންމުމެއް ކަމަށެވެ. އަދި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމާއި، ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ލިބުމަކީ އޭނާއަށް ވަރަށް އުފާވެރި ކަންތައްތަކެއް ކަމަށާއި، ޓެނިސް ނޫނަސް އެހެން ކަންކަންވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
ހަލެޕް ބުނީ ރިޓަޔަރ ކުރި ނަމަވެސް ޓެނިހާއި ދުރު ނުވާނެ ކަމަށާއި، އާދެވުން ވަރަކުން ޓެނިސް ކޯޓަށް އައިސް ކުޅޭނެ ކަމަށެވެ. އެހެންނަމަވެސް މުބާރާތްތަކުގައި ވާދަކުރުމަކީ މިވަގުތު އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ހަލެޕް ބުންޏެވެ.