ޚަބަރު

ޣައްޒާ ފޭރިގަނެ، އެއީ އެމެރިކާގެ ތަނަކަށް ހަދާނަން: ޓްރަމްޕް


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލު ކުރުމަށް ފަހު، އެމެރިކާއިން ޣައްޒާ ހިފައި، އެ ސަހަރު ތަރައްޤީ ކުރަން ބޭނުންވާ ކަން ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަ ކުރައްވައިފިއެވެ. އޭނާ މި ކަން ހާމަ ކުރެއްވީ، ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ހުށަހެޅުމާ އެކު، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކޮށްދިނުމަށް އެމެރިކާއިން މީގެ ކުރިން ދެމެހެށްޓި ސިޔާސަތު އޭނާ މި ވަނީ ފުނޑުފުނޑު ކޮށްލައްވައިފައެވެ.

ޣައްޒާ މި ވަގުތު އޮތީ ސުންނާފަތި ކޮށްލައިފައެވެ. ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އެ ސަހަރުގެ އުމްރާނީ ވަސީލަތްތައް ސުންނާފަތި ކޮށްލައިފައި ވަނީ އެމެރިކާގެ ވާތްގާއި އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން 15 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ލާއިންސާނީ ޢުދުވާނުގައެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފެށި ޢުދުވާން ނިމުމަކަށް ގެނެސްފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.

ޢުދުވާން މެދުކަނޑައިލުމާ އެކު ޓްރަމްޕް ވަނީ ޣައްޒާ ހުސްކުރަން ބޭނުންވާ ކަން ހާމަ ކުރައްވާފައެވެ. އަދި، އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ ރައްޔިތުން، މިޞްރާއި އުރުދުނަށް ގެންދިޔުމަށް އޭނާ ވަނީ އެ ދެ ޤައުމުގެ ވެރިންނަށް ގޮވައިލައްވާފައެވެ. ނަމަވެސް، އެ ޤައުމުތަކުގެ އިތުރުން ޢަރަބި ޤައުމުތަކުން ވެސް ވަނީ އެ ކަމަށް އިންކާރު ކޮށްފައެވެ. ޓްރަމްޕް ސިފަ ކުރައްވާ ގޮތުގައި މި ވަގުތު ޣައްޒާއަކީ އިމާރާތްތައް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ގޮނޑެއް ފަދަ ތަނެކެވެ. ޣައްޒާއަކީ، އިޤުތިޞާދީ ގޮތުން ބޮޑެތި ނަފާތަކެއް ހޯދޭނެ ބިމެއް ކަމުގައި ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

"
އެމެރިކާއިން ޣައްޒާއަށް އަތްގަދަ ކުރާނެ، އަދި އެ ތަނުގައި މަސައްކަތްތަކެއް ކުރާނެ. އެ ތަނުގެ މިލްކުވެރިކަން އަޅުގަނޑުމެން ނަގާނެ، އަދި އެ ތަނުގައި ހުރި ނުރައްކާތެރި ބޮންތަކާއި ހަތިޔާރު ހުރި ސައިޓުތައް ނައްތައިލާނެ،"
ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ރައީސް

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، ޓްރަމްޕްގެ ހުށަހެޅުމަށް އެމެރިކާއާ ދެކޮޅު ޤައުމުތަކުގެ އިތުރުން އެ ޤައުމުގެ އެކުވެރިން ވެސް ނުރުހޭނެއެވެ. އަދި، މި ހުށަހެޅުމާ އެކު، މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ ސަޢޫދީ ޢަރަބިއްޔާއާއި ޔަހޫދީންނާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ހިޔަނި އެޅޭނެ ކަމުގައި ވެސް އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ޔަހޫދީން ފޭރިގަނެފައިވާ ފަލަސްޠީނުގެ ބިމުގައި ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކޮށްދިނުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ވަޢުދެކެވެ. އެއީ، އެމެރިކާއިން ވެސް މިހާތަނަށް ތާޢީދު ކޮށްފައިވާ ސިޔާސަތެކެވެ. ނަމަވެސް، އެމެރިކާއިން ޣައްޒާއަށް އަތްގަދަ ކުރަން ބޭނުންވާ ކަން ޓްރަމްޕް ހާމަ ކުރެއްވުމަކީ، ބައިނަލްއަޤުވާމީ ސިޔާސަތުތަކާއި އެމެރިކާގެ ސިޔާސަތާ ފުށުއަރާ ނިންމުމަކަށް ވާނެއެވެ.

"އެމެރިކާއިން ޣައްޒާއަށް އަތްގަދަ ކުރާނެ، އަދި އެ ތަނުގައި މަސައްކަތްތަކެއް ކުރާނެ. އެ ތަނުގެ މިލްކުވެރިކަން އަޅުގަނޑުމެން ނަގާނެ، އަދި އެ ތަނުގައި ހުރި ނުރައްކާތެރި ބޮންތަކާއި ހަތިޔާރު ހުރި ސައިޓުތައް ނައްތައިލާނެ،" ޣައްޒާއަށް އަތްގަދަ ކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެ ތަން ތަރައްޤީ ކުރާ ނަން، އެތަކެއް ހާސް ވަޒީފާއެއް އުފައްދާ ނަން، އެ ތަނަކީ މުޅި މެދުއިރުމަތި ފަޚުރުވެރިވާ ފަދަ ތަނަކަށް ބަދަލު ކޮށްލާނަން. އަޅުގަނޑަށް ފެނޭ ދިގު މުއްދަތަކަށް އެ ތަނަށް އަތްގަދަ ކުރުމުގެ ނަޒަރު، އަދި އޭގެ ސަބަބުން މެދުއިރުމައްޗަށް ހަމަޖެހުން ގެނުވައިދޭނެ."

ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން ޣައްޒާއަށް އަތްގަދަ ކުރުމަށް ފަހު، އެ ބިން އަލުން އާރާސްތު ކުރުމަށް ފަހު، އެ ތަނުގައި ދުނިޔޭގެ ހުރިހާ ޤައުމަކަށް ނިސްބަތްވާ މީހުންނަށް ދިރިއުޅުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމުގައެވެ. ނަމަވެސް، އެ ތަނަށް އަތްގަދަ ކުރުމުގެ ބާރު އެމެރިކާއަށް ލިބިދެނީ ކޮން ޤާނޫނެއް ނުވަތަ އުސޫލެއްގެ ދަށުންތޯ ސުވާލު ކުރުމުން، އެ ސުވާލަށް ޖަވާބު ދެއްވަން ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފައެވެ. އެ ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ޒަޔަނިސްޓުންގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ވެސް ވަނީ ދެކޮޅު ހަދާފައެވެ.

ޓްރަމްޕްގެ ހުށަހަޅުއްވާފައި ވަނީ ޔަހޫދީން ބޭނުންވާ ގޮތް

ޓްރަމްޕްގެ ހުށަހެޅުމަށް އެންމެ ފުރަަމަ ވެސް ދެކޮޅު ހަދާފައި ވަނީ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރާ މެންބަރުންނެވެ. ބައިނަލްއަޤުވާމީ ސިޔާސަތާ ބެހޭ މާހިރުން ބުނީ، އެ ހުށަހެޅުއްވުމަށް ޓްރަމްޕް އަމަލު ކުރައްވާނެ ކަމަށް ނުބެލެވޭ ކަމުގައެވެ. ނަމަވެސް، އެ ހުށަހެޅުމަކީ، އޭނާ ބޭނުންވާ ކަންކަން ހާސިލު ކުރުމަށް ބޭނުން ކުރައްވާނެ ހަތިޔާރަކަށް ހައްދަވާނެ ކަމަށް ޤަބޫލު ކުރާ ކަމުގައެވެ.

ޓްރަމްޕްގެ ހުށަހެޅުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޖާސޫސީ އިދާރާގައި ކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމުގައިވާ ޖޮނެތަން ޕެނިކޮފް ވިދާޅުވީ، އެ ހުށަހެޅުމަށް އަމަލު ކުރައްވަން ޓްރަމްޕް ނިންމަވައިފި ނަމަ، އެއިން ދޭހަވަނީ، އަފްޣާނިސްތާނާއި ޢިރާޤަށް އިސްތިޢުމާރީ ސިފައިން ފޮނުވައި، އެ ތަނުގައި އެމެރިކާއިން ބޭނުންވާ ސަރުކާރެއް ޤާއިމުކޮށްގެން ވެރިކަން ކުރަން އުޅުމުން ލިބުނު ނަތީޖާއިން އެމެރިކާއަށް އެއްވެސް ފިލާވަޅެއް ދަސްވެފައި ނެތް ކަން ކަމުގައެވެ.

ޣައްޒާގެ ރައްޔިތުންގެ ނުޤަބޫލުގައި، ބާރުގެ ބޭނުންކޮށްގެން އެ މީހުންގެ ވަޒަނުން ބޭރު ކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ލާއިންސާނީ ޖަރީމާއަކަށް ވާނެއެވެ. އަދި، ޢަރަބި ޤައުމުތަކުގެ އިތުރުން މުސްލިމް ޤައުމުތަކާއި އެމެރިކާގެ ބައެއް އެކުވެރިން ވެސް އެ ހުށަހެޅުމާ ދެކޮޅު ހަދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ސިފަ ކުރާ ގޮތުގައި، ޓްރަމްޕްގެ ހުށަހެޅުއްވުމަކީ ބަޔެއްގެ ނަސްލުހޭދުކޮށް، ނަސްލެއް ނައްތައިލުމަށް ހުށަހަޅުއްވާފައިވާ ޖަރީމާއެކެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސުން ވެސް ވަނީ ޓްރަމްޕްގެ ހުށަހެޅުއްވުމަށް ރައްދު ދީފައެވެ.

"މިއީ، އިތުރު ހަމަނުޖެހުން އުފައްދައި ސަރަޙައްދީ ސުލްޙަ ނަގައިލުމަށް ހުށަހަޅާފައިވާ ހުށަހެޅުމެއް، ސަބަބަކީ އެ ފަދަ ކަމެއް ތަންފީޒު ކުރުމަށް ޣައްޒާގެ ރައްޔިތުން އެއްބަހެއް ނުވާނެ،" ސާމީ އަބޫ ޛަހްރީ ވިދާޅުވިއެވެ. ޣައްޒާއަށް އަތްގަދަ ކުރަން ބޭނުންވާ ކަން ޓްރަމްޕް ހާމަ ކުރައްވާފައިވީ ނަމަވެސް، އެ ކަން ކުރާނެ ގޮތުގެ އެއްވެސް ތަފުސީލެއް އޭނާ ހާމަ ކުރައްވާފައެއް ނެތެވެ.