މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްނަމަވެސް، ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. މާދަމާ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވަނީ ރިޔާސީ ބަޔާން އިއްވަވާ ދުވަހަށްވާތީއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މާލެ ސަރަހައްދުގައި ޤާއިމްކުރެވިފައިވާ އިމިގްރޭޝަން އޮފީސްތަކުން މާދަމާ ޕާސްޕޯޓް ޚިދުމަތް ދޭނެކަމަށެވެ. އެގޮތުން އިމިގްރޭޝަންގެ ޕޯޓަލް އިމުގާ މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ޕާސްޕޯޓަށް އެދެވޭކަން ފާހަގަކޮށް އިމިގްރޭޝަނުން ވިދާޅުވީ އިމަޖެންސީ ހާލަތްތަކުގައި އަދި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް މާދަމާ ހެނދުނު 9:00 އިން މެންދުރު 1:00 ޖެހުމާއި ހަމައަށް އިމިގްރޭޝަނުގެ އޮފީސްތަކަށް ގޮސް އޮންލައިންކޮށް ޕާސްޕޯޓަށް އެދެވޭނެކަމަށެވެ. އަދި މާދަމާ ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން 2:00 އާއި ހަމައަށްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. މި ގަޑިތަކުގައި ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރުމުންދާނެއެވެ.
އާންމުކޮށް ސަރުކާރު ބަނދު ދުވަސްތަކުގައި އިމިގްރޭޝަނުން އަބަދުވެސް ރައްޔިތުންގެ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސައެވެ. މީގެ އިތުރުން ހޮނިހިރު ދުވަސްތަކުގައިވެސް މާލެ އާއި އައްޑޫއިން ޕާސްޕޯޓު ލިބޭނެ އިންތިޒާމު އިމިގްރޭޝަނުން މިހާރު ވަނީ ހަމަޖައްސަވާފައެވެ.