ޚަބަރު

ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު 12 މީހަކު ޖޫރިމަނާކޮށްފި


  • މިދިޔަ ޖެނުއަރީމަހު 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާކޮށްފައިވާ

  • ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ފުލުހުން ފޮނުވާނެ

ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު 12 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާ ޚިލާފުވެގެން 14 މައްސަލައެއްގައި 11 މީހަކު މިދިޔަ ޑިސެންބަރު މަހުގެ 15 އިން 31ގެ ނިޔަލަށް ޖޫރިމަނާކޮށްފައިވާކަމަށެވެ. އެއީ ޖުމްލަ 60،500 ރުފިޔާއެވެ. އަދި މިދިޔަ ޖަނަވަރީ މަހު 14 މައްސަލައެއްގައި 12 މީހަކު 70،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ވޭޕްގެ އެކި ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ރައީސްގެ މި ނިންމެވުން ތަންފީޒްކުރެއްވުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު އިސްލާޙުކޮށް، އެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުން މަނާކޮށްފައިވަނީ މިދިޔަ ޑިސެންބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.

އަދި ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއްގެ އާލާތެއް ރާއްޖޭގައި ވިއްކައިފިނަމަ، 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ. އަދި އެފަދަ އެއްޗެއް ހިލޭ ބަހައިފިނަމަ އެކަން ކުރި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

އަދި މިހާރު ޤާނޫނުގައި އޮންނަ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.

ޤާނޫނާ ޚިލާފުވާ މީހުންނަށް މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާފައި ފުލުހުން ފޮނުވާނެއެވެ. ފުލުހުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ މީހުންވެސް ފުރިހަމައަށް ޢަމަލުކުރުމަށާއި ޤަނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.