އޭއެފްސީ އޭޝިއަން ޗެމްޕިއަންސް ލީގުގައި ރޭ ޔޫއޭއީ ގެ އަލް ވަސަލް އާއި ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު 4-0 ގެ ނަތީޖާއަކުން އަލް ނަސްރު މޮޅުވެއްޖެ އެވެ.
ޗެމްޕިއަންސް ލީގުގެ ވެސްޓް ޒޯނުގައި ކުޅުނު މި މެޗުން އެ ކްލަބުން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. މި މެޗުން ބަލިވި އަލް ވަސަލް އޮތީ 7 މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގަ އެވެ.
އަލް ނަސްރުގެ ދަނޑުގައި ކުޅުނު މި މެޗުގެ 25 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ނަގައިދީފައިވަނީ އަލީ އަލް ހަސަން އެވެ. މި ލަނޑަކީ އޭރިޔާ ބޭރުން ވަރަށް ބާރަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް އަލް ނަސްރަށް ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި އަލް ނަސްރު އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 78 ވަނަ މިނިޓުގައި ރޮނާލްޑި ކާމިޔާބުކޮށްދީފައިވާއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް މުހައްމަދު އަލް ފާތިލް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.
އަލް ނަސްރު އާއި ދާދި ފަހުން ގުޅުނު ކޮލަމްބިއާގެ ފޯވަޑް ޖޯން ދުރާން ވަނީ މި މެޗުގެ ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅެފަ އެވެ. މިއީ އޭނާ އެ ކްލަބަށް ކުޅެދިން ފުރަތަމަ މެޗެވެ.
މި މުބާރާތުގައި ރޭ ގަތަރުގެ އަލް ސާދު އާއި ދެކޮޅަށް ސައުދި އަރަބިއްޔާގެ އަލް އަހުލީ ކުޅުނު މެޗުން އެ ޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ.
އަލް އަހުލީ އަށް ވަނީ މި މެޗުން މޮޅުވުމާއެކު 7 މެޗުން ޖުމްލަ 19 ޕޮއިންޓު ލިބިފަ އެވެ. ދެވަނައިގައި އޮތް އަލް ހިލާލް އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 16 ޕޮއިންޓެވެ. އަލް ސާދު އޮތީ 12 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގަ އެވެ.
މި މެޗުން ފުރަތަމަ މިނިޓުގައި އަލް ސާދުގެ އަކްރަމް އަފީފު ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދިން ނަމަވެސް އޭގެ ނުވަ މިނިޓު ފަހުން ރޮބާޓޯ ފާރމީނޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް ރޮޖަރ އިބަނޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް އަލް އަހުލީ އަށް ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގައި އަލް އަހުލީ އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 81 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރިޔާދު މަހްރޭޒް އެވެ.
ލީގުގެ ފުރަތަމަ ބުރުގައި ބާކީ އެއް މެޗު ކޮންމެ ޓީމަކަށް އޮތްއިރު މި ހަތަރު ޓީމަށްވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފަ އެވެ. ޖުމްލަ 12 ޓީމު ފުރަތަމަ ބުރުގައި ވާދަކުރާއިރު ގަދަ 8 ޓީމަށް މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ލިބިގެންދާނެ އެވެ.