ޝަރީޢަތް ނިމެންދެން ބަންދުކުރުމާގުޅޭ މައްސަލަތައް ޙައްލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްނަގައިގެން ބޭއްވި ބަންދު ފޯރަމުގައި ހުށަހެޅުނު ޙައްލުތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނީ ޖުޑީޝަރީއާ މަޝްވަރާކުރުމަށްފަހުކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ.
ޝަރީޢަތް ނިމެންދެން ބަންދުކުރުމާގުޅޭ މައްސަލަތައް ޙައްލުކުރުމަށް ޝަރުޢީ ކޯޓުތައް ފިޔަވައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކެއް ހިމެނޭ ގޮތަށް، ޕީޖީ އޮފީހުން އިސްނަގައިގެން "ބަންދު ފޯރަމް" ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މި ފޯރަމް ބޭއްވި މަޤްޞަދަކީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ ޝަރުތުތައް މުރާޖަޢާކޮށް މުޠާލިޢާކުރުމުގައި، ގެންގުޅޭނެ ހަމަތަކާއި އުޞޫލުތައް ކަނޑައެޅުމުގައާއި، މި ނިޒާމު މިހާރަށްވުރެ ފުރިހަމަކޮށް، ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ޙައްޤުތަކާއި މުޖުތަމަޢުގެ ޙައްޤުތައް ރައްކާތެރިކޮށް އެއްހަމަކުރެވޭނެ ގޮތަށް މި ނިޒާމަށް އީޖާދީ އަދި އީޖާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުންކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކަށް ކުރިމަތިވާ މައްސަލަތައް ދެނެގަނެ، އެ ކަންކަމަށް އޮތް ޙައްލު ހުރިހާ އިދާރާތަށް ގުޅިގެން ދެނެގަތުންކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.
"ބަންދު ފޯރަމް" ގައި ބައިވެރިވި އިދާރާތަކުން އިއްތިފާޤުވާ އެއްކަމަކީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫންކަމާއި، މައްސަލައަކީ ބަންދުކުރާ މީހުންގެ މައްސަލަތަކުގައި ޝަރީޢަތުން ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދިއުންކަމެވެ.
ކޯޓުތަކުގައި ޖިނާއީ މައްސަލަތައް ކުރިއަށްގެންދިއުން އަވަސްކުރުމަށް ކޯޓުތަކަށް ފަހިކޮށްދީ އެހީތެރިވުމަށްޓަކައި، އިދާރާތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން "ބަންދު ފޯރަމް" ގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އެގޮތުން ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުގައި ޤާއިމުކޮށްފައިވާ ވީޑިއޯ ކޮންފަރެންސިން ސިސްޓަމްތައް އިތުރުކުރުމާއި، ކޯޓުތަކުގެ އަޑުއެހުންތައް އޮންލައިން ޝެޑިއުލިންގ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، "ބަންދު ފޯރަމް" ގެ ފުރަތަމަ ބައި ކުރިއަށްގެންދެވުނީ، ޖުޑީޝިއަރީ ފިޔަވައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެހެން އިދާރާތަކާއެކުކަމަށެވެ. އަދި މި ފޯރަމުގެ ދެން އޮންނާނީ ޖުޑީޝަރީއާއެކު ކުރިއަށްގެންދާ ބައިކަމަށެވެ.
އެގޮތުން މި ފޯރަމުގައި ހޯދުނު ހޯދުންތަކާއި، ޙައްލުތައް ޖުޑީޝަރީއަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު، ޖުޑީޝަރީގެ ބައިވެރިވުމާއެކު އެކަންކަން ތަންފީޛްކުރުމަށް ސަރުކާރަށާއި، ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި އެކަންކަން ތަންފީޛްކުރެވެމުންދާ މިންވަރާމެދު އެ އޮފީހުން ފާރަވެރިވަމުންދާނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.