ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ދޫކޮށްލަމުންދާ ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްޠީނަށް ނިޞްބަތްވާ ޤައިދީންގެ ހަށިގަނޑުން އެ މީހުންނަށް އަނިޔާ ކޮށް ބަނޑަށް ޖައްސާފައިވާ ކަމުގެ ނިޝާންތައް ފެނިފައިވާ ކަމަށް ފަލަސްޠީނުގެ ޤައިދީންގެ ހައްޤުތަކަށް ވަކާލާތު ކުރާ ޕަލަސްޓީނިއަން ޕްރިސަނަރސް ސޮސައިޓީން ބުނެފިއެވެ.
ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަތަރު ފަހަރެއްގެ މަތިން މިހާތަނަށް ފަލަސްޠީނުގެ 583 ރައްޔިތުން ވަނީ ޔަހޫދީ ޖަލުތަކުން މިނިވަން ކޮށްފައެވެ. އެންމެ ފަހުން ޤައިދީން މިނިވަން ކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހުއެވެ. އެ ދުވަހު 183 ޤައިދީން މިނިވަން ކޮށްފައި ވެއެވެ. އެ މީހުން ޖަލުތަކުން ނެރުނު އިރު އެ މީހުންގެ ކިބައިން ވަރުބަލިކަން ފެނެއެވެ. އެ މީހުން ތިބީ ނާޒުކު ޙާލަތެއްގައި ކަން އެ މީހުން ހެލިފެލިވަމުން ދިޔަ މަޑުމައިތިރި ގޮތުން ދޭހަ ކޮށްދިނެވެ.
ޕަލަސްޓީނިއަން ޕްރިސަނަރސް ސޮސައިޓީން ބުނީ ޤައިދީން ދޫކޮށްލާ ކޮންމެ ފަހަރަކު ވެސް އެ މީހުންގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުން, އެ މީހުންނާ ދޭތެރޭ ޔަހޫދީން ޢަމަލު ކޮށްފައިވާ ލާއިންސާނީ ގޮތް ފެންނަ ކަމަށެވެ. އެ ގޮތުން އޮކްޓޯބަރު 7ގެ ފަހުން ޤައިދީންނަށް ކުރާ އަނިޔާ އެތައް ގުނައެއް އިތުރު ވެފައިވާ ކަމަށާއި އެ މީހުންނާ ދެކޮޅަށް ބަނޑުހައިހޫނުކަމުގެ ޖަރީމާތައް ހިންގާފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަ ކުރެއެވެ. ޤައިދީންނަށް ޞިއްޙީ ފަރުވާ ދީފައި ނުވާ ކަމަށާއި އެތައް ޤައިދީއެއްގެ ހަށިގަނޑުން އެކި ކަހަލަ ބަލިތަކާއި އިންފެކްޝަންތައް ފެންނަމުންދާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ. ޖަލުން މިނިވަންކުރުމާ ހަމައަށް ވެސް އެ މީހުންނަށް ބޮޑެތި އަނިޔާތައް ދެމުން ގޮސްފައިވާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ފާހަގަ ކޮށްފައި ވެއެވެ. އެ ފަދަ އަނިޔާތަކުގެ ސަބަބުން ބައެއް ޤައިދީންގެ މޭ ކަށިތައް ބިންދިފައިވާ ކަމަަށް ވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.
ޕަލަސްޓީނިއަން ޕްރިސަނަރސް ސޮސައިޓީން އިތުރަށް ބުނީ މިނިވަން ކުރާ ޤައިދީންނާއި އެ މީހުންގެ ޢާއިލާތަކާ ދެކޮޅަށް ޔަހޫދީން ރޭވުންތެރި ނިރުބަވެރި ޢަމަލުތައް ހިންގަމުންދާ ކަން ވެސް ކަށަވަރުވާ ކަމަށެވެ. އެ ގޮތުން އެ މީހުން މައިގަނޑު ގޮތެއްގައި ބޭނުން ކުރާ އުކުޅަކީ މިނިވަން ކުރާ ޤައިދީންނަށް އަނިޔާ ކުރުމާއި އެ މީހުން މިނިވަން ކުރުމާ ގުޅިގެން ޢާއިލާ އާއި ރައްޔިތުންގެ ފަރާތުން އެއްވެސް ޝުޢޫރެއް ފާޅު ކުރުން މަނާ ކުރުމެވެ. އުފާވެރި ކަމުގެ އެއްވެސް ޝުޢޫރެއް ފާޅު ކުރުމާ ދެކޮޅަށް މަރުގެ އިންޒާރު ދެމުންދާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ފާހަކަ ކޮށްފައި ވެއެވެ.
ޖަލުން މިނިވަން ކުރި ފަލަސްޠީނުގެ ރައްޔިތެއް ބުނީ ފާއިތުވި 15 މަސް ދުވަހު އެ މީހުން ތަޙައްމަލް ކުަރަމުން ދިޔައީ އެންމެ ވޭންދެނެވި އަނިޔާ ކަމަށެވެ. ޔަހޫދީން އެ މީހުންނާ ދޭތެރޭ ޢަމަލު ކުރަމުން ދިޔައީ އެންމެ އިންސާނިއްޔަތާ ޚިލާފަށް ކަމަށާއި ޖަނަވާރުންނަށް ވެސް އެއަށް ވުރެ ރަނގަޅަށް އެ މޫހުން ޢަމަލު ކުރާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ޔަހޫދީންގެ ކެޒިއޮޓު ޖަލުން މިނިވަން ކުރި ޤައިދީންނާ މެދު ޔަހޫދީން ޢަމަލު ކުރި ލާއިންސާނީ ގޮތް ފެނިފައި ރެޑު ކުރޮހުގެ މަންދޫބުންނަށް ވެސް ސިހުން ލިބި އެކާ ނުރުހުން ފާޅު ކޮށްފައިވާ ކަމަށް ސަލާމަތީ މަސްދަރުތަކުން ބުނެއެވެ. ޤައިދީން މިނިވަން ކޮށްފައި ވަނީ އެ މީހުންގެ އަތްތަކުގައި ބިޑި އަޅުވައި ބޮލުގެ މައްޗަށް އަތް ހިއްލުވާ, އޮކްޓޯބަރު 7ގެ ހާދިޘާތައް ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް ދޭހަވާ ފަދަ ޖުމުލައެއް ލިޔެފައިވާ ބޭންޑެއް އަޅުވައިގެން ކަމަށް ރެޑު ކުރޮހުގެ މުވައްޒަފުންނާ ޙަވާލާ ދީ އެ މަސްދަރުން ބުނެފައި ވެއެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސުން ބުނީ ފަލަސްޠީނުގެ ޤައިދީން ތަހައްމަލު ކުރި އަނިޔާއާއި ވޭނަކީ ޔަހޫދީ ޖަލުތަކުގައި އެ މީހުންނަށް ކުރިމަތިވާ ކަންތައްތަކުގެ ހުތުރު ކަން ކަށަވަރު ކޮށްދޭ ކަމެއް ކަމަށެވެ. ޙަމާސުން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމާޢަތުގެ ހަތިޔާރު އެޅި ގޮފި, ޣައްސާމް ބްރިގޭޑްސުން ޣައްޒާގެ ޙާލަތު އެންމެ ދަށަށް ދިޔައިރު ވެސް ޔަހޫދީންނަށް ނިޞްބަތް ވާ އަސީރުންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ފޯރު ކޮށްދެމުން ދިޔަ ކަމަށެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި 47,000އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލި ޔަހޫދީންގެ ހަމަލާތަކާއި ބޮން އެޅުންތަކުގެ ތެރޭގައި ވެސް ޔަހޫދީ އަސީރުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި ފަރުވާ ކުޑަ ނުކުރާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
“ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ދުޝްމަނު އަސީރުންގެ ރަނގަޅު ޖިސްމާނީ އަދި ނަފްސާނީ ޙާލަތުން ދޭހަ ކޮށްދެނީ މި ޖަމާޢަތުން ޤަބޫލު ކުރާ ރަނގަޅު ޤަބޫލު ކުރުންތަކާއި އަސީރުންނާ މެދު ޢަމަލު ކުރާ އިންސާނީ ގޮތްތައް. އޭގެ ބަދަލުގައި ޖައްބާރު ޔަހޫދީން ދަނީ އެ މީހުންގެ ޖަލުތަކުގައި ތިބި އަހަރެމެންގެ ޤައިދީންނާ ދެކޮޅަށް އެންމެ މަތީ ދަރަޖައިގެ ޖަރީމާތައް ހިންގަމުން،” އެ ބަޔާނުގައި ބުނެފައި ވެއެވެ.