އިނގރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެ އެވެ.
މި މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވުމާއެކު އެ ޓީމަށް ވަނީ 24 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލުގެ 13 ވަނަ އަށް ވެއްޓިފަ އެވެ. އަދި މި މެޗުން މޮޅުވި ކްރިސްޓަލް ޕެލަސް އަށް ލިބިފައިވާ 30 ޕޮއިންޓާއެކު އެ ޓީމުން ވަނީ 12 އަށް އަރާފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ހަތްދިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވެފައިވާއިރު މިއީ ޕްރިމިއާ ލީގުގައި އެ ޓީމު ކުޅުނު ހަ މެޗުގެ ތެރެއިން އަމިއް ދަނޑުގައި ބަލިވެފައިވާ ފަސްވަނަ މެޗެވެ.
މި މެޗަށް މެންޗެސްޓަރ ޔުނައިޓެޑް ނިކުތްއިރު އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ވަނީ ޓީމުގެ ފޯވަޑް ލައިނަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން 100 މިލިއަން ޕައުންޑަށް އަގުކުރެވޭ ރަސްމުސް ހޮއިލަންޑް އާއި ޖޯޝުއާ ޒިރްކްޒީ އަށް ފުރަތަމަ ޓީމުން ފުރުސަތު ނުދީ ޓީމަށް ނަގާފައިވަނީ ކޮބީ މައިނޯ އެވެ.
ނަމަވެސް މެޗުގެ ވަކި ހިސާބަކުން އެ ބަދަލު ގޯސްކަމަށް ގަބޫލުކުރެވި އަމޮރިމް ވަނީ އެ ދެކުޅުންތެރިން ކުޅެން އަރުވާފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ކްރިސްޓަލް ޕެލަސް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ.
ކްރިސްޓަލް ޕެލަސް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 64 ވަނަ މިނިޓުގައި ޖޯން ފިލިޕް މަޓޭޓާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑަކީ ޑެނިއަލް މުނޯޒް ދިން ބޯޅައަކުން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މި މެޗުން ކްރިސްޓަލް ޕެލަސް މޮޅުވުމާއެކު އެ ޓީމުން ވަނީ 2019 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ރަށުން ބޭރުގައި ޖެހިޖެހިގެން ތިން މެޗުން މޮޅުވެފަ އެވެ.