ރިސޯޓުތަކާއި ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމުގެ މަސައްކަތް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ފަށައިފިއެވެ.
އެގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި އެ ވުޒާރާގެ ޓީމެއް ވަނީ ދަ ކްރޮސްރޯޑްސް މޯލްޑިވްސްއަށް ޒިޔާރަތްކުރައްވާ އެތަނުގައި ދަނޑުވެރިކަމުގެ ތަކެތި ހައްދާގޮތުގެ މައުލޫމާތު ހޯދާފައެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި ދަތުރުގެ މައިގަނޑު ބޭނުމަކީ ރިސޯޓުތަކާއި އެ ވުޒާރާ އާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތައް ދެނެގަތުމެވެ. މި ދަތުރުގައި ވަޒީރު ވަނީ އެ ރިސޯޓަށް ބޭނުންވާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެރަށުގެ ދަނޑުތަކުގައި ހައްދާ ގޮތްތަކުގެ މައުލޫމާތު އޮޅުންފިލުވާފައެވެ.
އަދި އެތަނުގެ ގަސްގަހާގެހި އިންދާ ބަލަހެއްޓުމަށް ކުރާ މަސައްކަތްތަކާއި، ތަރުކާރީ އުފެއްދުމަށް ބޭނުންކުރާ ތަފާތު ގޮތްތައް ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ބައްލަވާލައްވާފައެވެ. ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ރިސޯޓުން ދެމެހެއްޓެނިވިގޮތެއްގައި ކަންކަން ކުރުމަށް ގެންގުޅޭ އުސޫލުތަކާއި، ކާނާ އުފެއްދުމުގައި ގެންގުޅޭ އައު ގޮތްތަކުގެ ތަރުތީބުކަން މި ދަތުރުން ފާހަގަކުރެވުނު ކަމަށެވެ.
މީގެއިތުރުން އެތަނުގެ މަސައްކަތްތަކުން ފާހަގަކުރެވުނީ ރާއްޖޭގެ ދަނޑުވެރިކަމަށް އެހީތެރިވުމުގައި ރިސޯޓުތަކަށް އަދާކުރެވިދާނެ މުހިންމު ދައުރުކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އެއީ ރާއްޖޭގައި އުފައްދާ ތަކެތި ގަތުން އިތުރުކުރުމުގެ ގޮތުން ކަމުގައިވިޔަސް، ހައިޑްރޯޕޯނިކްސް ނުވަތަ އެހެނިހެން ގޮތްތަކަށް ގަސްއިންދާ، އިންވެސްޓްކުރުން ކަމުގައިވިޔަސް، ނުވަތަ ރާއްޖޭގެ ދަނޑުވެރިންނާ ހުނަރު ޙިއްސާކުރުން ކަމުގައިވިޔަސް ރިސޯޓް ތަކުން މުހިންމު ދައުރެއް އަދާކުރެވިދާނެކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި ގޮތްތައް ދެނެގަތުމުގެ މަޤްޞަދަކީ ރާއްޖޭގައި އުފައްދާ ކާނާ އިތުރުކޮށް، ދެމެހެއްޓެނިވި ގޮތްތައް ކުރިއަރުވައި، ބޭރުން އެތެރެކުރާ ތަކެއްޗަށް ބަރޯސާވާ މިންވަރު މަދުކުރުން ކަމަށެވެ. އަދި މި އެއްބާރުލުމުގެ ސަބަބުން ފަތުރުވެރިކަމުގެ ޞިނާޢަތަށާއި މުޅި މުޖުތަމަޢަށް ފައިދާކުރާނެ، އަދި ދެމެހެއްޓެނިވި ކާނާގެ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެ.