ޚަބަރު

ލޯނެއްގެ ދަށުން ރަޝްފޯޑް ހޯދުމަށް އެސްޓަން ވިލާއިން މަސައްކަތް ކުރަނީ


މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދާ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް ހޯދުމަށް ޕްރިމިއާ ލީގުގެ އެސްޓަން ވިލާއިން މަސައްކަތް ކުރަމުންދާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި ޕޯޗުގަލްގެ ރުބެން އަމޮރިމް ހަވާލުވުމަށްފަހު ރަޝްފޯޑް އަށް ވަނީ އޭނާގެ ޓީމުން ފުރުސަތު ނުލިބިފަ އެވެ. އަދި އޭނާ އެންމެ ފަހުން ޔުނައިޓެޑަށް މެޗެއް ކުޅެދީފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހު އެވެ.

އުމުރުން 27 އަހަރުގެ ރަޝްފޯޑް ހޯދުމަށް އެސްޓަން ވިލާ އިން މަސައްކަތް ކުރަމުންދާ ކަމަށް އެންމެ ބޮޑަށް ވާހަކަ ދެކެވެން ފަށާފައިވަނީ އެ ޓީމުގެ ފޯވަޑް ޖޯން ދުރާން މި ހަފްތާގައި ސައުދި އަރަބިއްޔާގެ އަލް ނަސްރަށް ވިއްކާލުމާއިއެކުގަ އެވެ.

އަދި ރޭ ވޮލްވްސް އަތުން 2-0 އިން އެސްޓަން ވިލާ ބަލިވި މެޗަށްފަހު އެ ޓީމުގެ ކޯޗު އުނެއި އެމެރީ ވަނީ އެ ޓީމުން ދިޔަ ކުޅުންތެރިންގެ ބަދަލުގައި އައު ކުޅުންތެރިން ބޭނުންވާ ކަމަށެވެ.

"ޓީމުން ދިޔަ ކުޅުންތެރިން ނެތްތަން ފޫބައްދަން އައު ކުޅުންތެރިން ބޭނުންވޭ އަދި ޓީމަށް ވެސް އައު ކުޅުންތެރިން ބޭނުންވޭ." އެމެރީ ބުންޏެވެ.

އެމެރީ އިތުރަށް ބުނެފައިވަނީ އެސްޓަން ވިލާ މިވަގުތު އޮތީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ތެރޭގައި ކަމަށާއި އެހެންކަމުން މި މުބާރާތުގައި ރަގަޅު ނަތީޖާތަކެއް ހޯދުމުގެ އިތުރުން ޕްރިމިއާ ލީގުގެ ރަގަޅު ހިސާބެއްގައި އޮންނަން ބޭނުންވާނަމަ އައު ކުޅުންތެރިން ބޭނުންވާނެ ކަމަށެވެ.

ރަޝްފޯޑް އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ ޑިސެމްބަރ މަހުގަ އެވެ. އަދި އެރިކް ޓްންހާގް ވަކި ކުރުމަށްފަހު އަމޮރިމް އެ ޓީމާއި ހަވާލުވެ އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި އިޕްސްވިޗް އާއި އެއްވަރުވެފައިވަނީ ރަޝްފޯޑް ޖެހި ލަނޑުންނެވެ. އަދި އެވަޓަން އަތުން ޑިސެމްބަރ މަހު 4-0 އިން މޮޅުވި މެޗުގައި ރަޝްފޯޑް ވަނީ 2 ލަނޑު ޖަހާފަ އެވެ.

ނަމަވެސް ލީގުގައި 15 ޑިސެމްބަރ ގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ބެންޗުންވެސް ރަޝްފޯޑް އަށް އަމޮރިމް ފުރުސަތު ދީފައެއް ނުވެއެވެ. އަދި އޭގެ ދެ ދުވަސް ފަހުން ރަޝްފޯޑް ދިން އިންޓަވިއުއެއްގައި އޭނާ އެހެން ޗެލެންޖެއް ނަގަން ބޭނުންވާ ކަމަށް ބުނި ހިސާބުން އަމޮރިމް އާއި ރަޝްފޯޑް އާއި ދެމެދު ވަނީ މައްސަލަ އިތުރަށް ގޯސްވެފަ އެވެ.