ކުޅިވަރު

ސަލާހް ގޮސް ލަމްޕާޑް ފަހާލައިފި


ބޯނެމައުތު ކޮޅަށް ރޭ ޖެހި ދެ ގޯލާއެކު ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ޕްރެމިއާ ލީގުގެ ލަނޑު ލިސްޓުގައި ފްރޭންކް ލަމްޕާޑް ފަހާލައިފި އެވެ.

މި ދެ ގޯލާއެކު ސަލާހް މިހާރު ޖަހާފައިވާ ގޯލުގެ އަދަދަކީ 178 އެވެ. ޗެލްސީގެ ލެޖެންޑް އަދި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ލަމްޕާޑް ޖަހާފައިވަނީ 177 ގޯލެވެ.

ބޯނެމައުތުކޮޅަށް ސަލާހް ޖެހި ދެ ލަނޑާއެކު ކްލަބް ކެރިއަރުގައި އޭނާ ޖެހި ގޯލުތަކުގެ އަދަދު ވަނީ 300 އަށް އަރައިފަ އެވެ. އެއީ ލިވަޕޫލަށް 235 ގޯލު، އިޓަލީގެ ރޯމާ އަށް 34 ގޯލު، އެފްސީ ބަސެލް އަށް 20 ގޯލު އަދި އިޓަލީގެ ފިއޮރެންޓީނާ އަށް ނުވަ ގޯލު އަދި އިނގިރޭސިވިލާތުގެ ޗެލްސީ އަށް ދެ ގޯލެވެ.

ޕްރެމިއާ ލީގުގައި ސަލާހަށްވުރެ ކުރީގައި އުޅެނީ ފަސް ކުޅުންތެރިއެކެވެ. އެއީ 260 ގޯލާއެކު އެއްވަނާގައިވާ އިނގިރޭސިވިލާތާއި ނިއުކާސަލްގެ ކުރީގެ ކެޕްޓަން އެލަން ޝިއަރާ އާއި ދެ ވަނާގައިވާ ޓޮޓެންހަމުގެ ކުރީގެ ކެޕްޓަން ހެރީ ކޭން އެވެ. ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅޭ އިނގިރޭސި ގައުމީ ކެޕްޓަން ޖަހާފައިވަނީ 213 ގޯލެވެ.

ތިން ވަނާގައިވަނީ އިނގިރޭސިވިލާތާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ އެވެ. އޭނާ ޖަހާފައިވަނީ 208 ގޯލެވެ. ހަތަރު ވަނާގައިވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް އެންޑީ ކޯލް އެވެ. 1992 އިން 2008 އަށް ކުޅުނު ފޯވަޑް ޖަހާފައިވަނީ 187 ގޯލެވެ. ފަސް ވަނާގައިވަނީ އާޖެންޓީނާ އާއި މެންޗެސްޓާ ސިޓީގެ ކުރީގެ ފޯވަޑް ސާޖިއޯ އަގުއެރޯ އެވެ. އޭނާ ޖަހާފައިވަނީ 184 ގޯލެވެ. މިއީ ސަލާހަށްވުރެ ހަ ގޯލު އިތުރު އަދަދެކެވެ. މިހެންވެ ގިނަ ބަޔަކު މިހާރު ގަބޫލު ކުރަނީ ސަލާހް އަގުއެރޯ ވެސް ފަހަތަށށްލާނެ ކަމަށެވެ.

ސަލާހަކީ މި ސީޒަނުގެ ޕްރެމިއާ ލީގުގެ ރަންބޫޓަށް ވެސް ވާދަކުރާ ކުޅުންތެރިއެކެވެ. ރަން ބޫޓަށް ވާދަކުރާ އަނެއް ދެ ކުޅުންތެރިންނަކީ ނިއުކާސަލްގެ އެލެކްޒެންޑާ އިސާކް އާއި މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑެވެ.