ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ވާދަކުރާ އޮސްޓްރޭކިޔާ ޓީމުން ތަޖުރިބާރު ކުޅުންތެރިޔާ މިޓްޗެލް މާޝް ބާކީ ކޮށްފި އެވެ.
ކާމިޔާބު އޯލް ރައުންޑަރު ޓީމުން ބާކީ ކުރަން ޖެހުނީ އުނގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކަމަށް އޮސްޓްރޭލިޔާގެ ފެޑަރޭޝަނުން ބުންޏެވެ.
އިންޑިޔާއާ އެކު އޮސްޓްރޭލިޔާ އެންމެ ފަހުން ކުޅުނު ޓެސްޓް ފަސް މެޗުގައި ވެސް މާޝް ކުޅެފައިވަނީ ކުޑަހުޅުގައި ޕެޗެއް އަޅައިގެންނެވެ. އަދި އޭނާ އަށް މި މެޗުތަކުގައި ހެދުނީ ވެސް ހަތް އިނިންގްސްގައި އެންމެ 73 ލަނޑެވެ. މިހެންވެ ޗެމްޕިއަންސް ޓްރޮފީގައި އޭނާ އަށް ކުޅެވޭނެތޯ އޮސްޓްރޭލިޔާގެ ކޯޗިން ޓީމުގެ ތެރޭގައި ވެސް މިހާތަނަށް ދިޔައީ ބަހުސް ކުރެވެމުންނެވެ. އޭނާ އަށް ނުކުޅެވޭނެ ކަމަށް ނިންމީ އެ ގައުމުގެ ނެޝަނަލް ސެލެކްޝަން ޕެނަލާއި ގައުމީ މެޑިކަލް ޓީމުން ވެސް މަޝްވަރާ ކުރުމަށްފަހު އެވެ.
އޮސްޓްރޭކިޔާ ޓީމުން ބުނީ ޕާކިސްތާނުގައި މި މަހުގެ 19 ވަނަ ދުވަހު ފަށާ މުބާރާތުގައި ނުކުޅެވޭނެކަމަށް މެޑިކަލް ޓީމުން ނިންމުމުން މާޝް ހުރީ ވަރަށް ދެރަވެފައި ކަމަށެވެ. ނަމަވެސް މިއާއެކު އޭނާ ދެން މަސައްކަތް ކުރާނީ ރީހެބް ފުރިހަމަކޮށް، ކުރިއަށް ހުރި މުބާރާތްތައް ކުޅެވޭ ވަރަށް ފިޓްނަސް ރަނގަޅު ކުރަން ކަމަށެވެ.
ޗެމްޕިއަންސް ޓްރޮފީ މުބާރާތަށް ތައްޔާރުވާ އޮސްޓްރޭލިޔާ ޓީމުގެ ކެޕްޓަނަކީ ޕެޓް ކަމިންސް އެވެ. އެ ގައުމު ހިމެނެނީ އަށް ގައުމު ވާދަކުރާ މުބާރާތުގެ ގްރޫޕް ބީގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އިންގްލޭންޑާއި އަފްގާނިސްތާނާއި ދެކުނު އެފްރިކާ އެވެ.