ކުދި ވިޔަފާރިތައް ކުރިއަރުވައި ފުޅާކުރުމަށް މިއަހަރުގެ ތެރޭގައި ފަހި ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އުފެއްދުންތެރިކަމުގެ މައުރަޒަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ލަފައާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން ކުރިއަށްގެންދާ މައުރަޒެކެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މައުރަޒް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ޒަމާނީ ވަސީލަތްތަކާއި ބައިތައް ހިމެނޭހެން އެކްސްޕޯއެއްގެ ސިފައިގައި ރާއްޖޭގައި ބޭއްވޭ ފުރަތަމަ މައުރަޒުކަމަށެވެ. ދިވެހި އުފެއްދުންތެރިންނަށް އައު ބާޒާރުތައް ހޯދައިދީ އާ ޚިޔާލުތައް ތަރައްޤީކުރުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން މި މައުރަޒުގައި ބައިނަލްއަޤްވާމީ ވިޔަފާރިތަކާއި އިންވެސްޓަރުންގެ އިތުރުން ކުރިއަރާފައިވާ ޤައުމުތަކުގެ އީޖާދީ މަސައްކަތްތައް ދައްކާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިއަހަރު ވެގެންދާނީ ކުދި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ފަހިވެގެންދާނެ އަހަރަކަށްކަމަށެވެ. އެގޮތުން އެ ފަރާތްތަކުގެ އުފެއްދުންތައް ޤާނޫނުގެ ތެރެއިން ރައްކާތެރިކުރެވޭނެގޮތްތައް ފަހިކޮށްދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއަހަރު އިރާދަކުރެއްވިއްޔާ އެފަދަ ފަރާތްތަކަށް (ކުދި ވިޔަފާރިތަކަށް) ރައީސުލްޖުމްހޫރިއްޔާ، މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ. ޓްރޭޑްމާރކްލުން، ބްރޭންޑް ރައްކާތެރިކުރުން، ވިޔަފާރި އެ ކުރައްވާ ފަރާތްތަކަށް ޔަޤީންކަން ދިނުމުގެ ގޮތުން ޤާނޫނީ އޮނިގަނޑު އަޅުގަނޑުމެން އެބަ އެކުލަވާލަން. ހަމަ އެއާއެކު އަޅުގަނޑުމެން އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް މިއަހަރުގެ ތެރޭގައި މީގެކުރިން ފަހިނުވާ ހަމަގައިމުވެސް ފަހި ނުވެ އޮތް ފުރުސަތުތައް ފަހިވާނެ". ވަޒީރު ވިދާޅުވިއެވެ.
މި މައުރަޒު ކުރިއަށްދަނީ މުޅި ރާއްޖެއަށް ހުޅުވާލެވިގެންނެވެ. މައުރަޒުގެ ތެރެއިން ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދާނެކަމަށް ބީސީސީން ވަނީ ވިދާޅުވެފައެވެ. މި މައުރަޒު ވެގެންދާނީ ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ކުދި ވިޔަފާރިތަކާއި އެހެން ވިޔަފާރިތަކާއި ގުޅުވާލަދޭ ފަންނުވެރިންނާއި ވިޔަފާރިތަކާއިވެސް ގުޅުވާލަދޭ ބޮޑު މައުރަޒަކަށްކަމަށް ބީސީސީން ވަނީ ވިދާޅުވެފައެވެ.