ޝަރީޢަތް ނިމެންދެން ބަންދުގައި މިހާރު ތިބި މީހުންނަކީ ކޮންމެހެން ބަންދުގައި ބައިތިއްބަންޖެހޭ މީހުންކަމަށް ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުން އިއްތިފާޤުވެއްޖެއެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި 435 މީހުން އެބަތިއްބެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމުކޮށްގެން ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް ބޭއްވި "ބަންދު ފޯރަމް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވީ, ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުން ހުށަހެޅޭ ޝަކުވާތައް ގިނަ ނަމަވެސް, ޝަރީއަތް ނިމެންންދެން ބަންދުކުރުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުޅިން ހުއްޓާލެވޭނެ ކަމެއް ނޫންކަމަށެވެ. ނަމަވެސް މިހާރު ޙުކުމަކާނުލައި ބަންދުކޮށްފައިވަނީ ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ދުރު ރާސްތާގެ އަމާޒަކީ ޢަދުލުގެ މި ނިޒާމުގެ ތެރޭގައި ހުރި މިކަހަލަ މައްސަލަތައް ވަކިވަކިން ފާހަގަކޮށް، އެކަންކަމަށް ފޯކަސްކޮށްގެން ވަކިވަކިން އެ މައްސަލަތައް ޙައްލުކުރުން. މި ނިޒާމުގައި ހުރި މިކަހަލަ ކޮށިއެރުންތައް ނައްތާލުން. އާޚިރު ނަތީޖާއަކަށްވާނީ، މި ނިޒާމަށް ރައްޔިތުންގެ ޢާންމުންގެ އިތުބާރު ލިބިގެންދިއުން. މި އަމާޒަށް އަޅުގަނޑު ކުރިއަށްއޮތްތަނުގައިވެސް މިކަހަލަ އިތުރު މަސައްކަތްތަކެއް ކުރަން ޤަޞްދުކުރަން. މިހާރުވެސް އަޅުގަނޑަށް ފާހަގަވެފަ ހުރި އެހެން މައްސަލަތައްވެސް މި ނިޒާމުގައި އެބަހުރި. އަދި އެކަންކަމާ ގުޅިގެން ބައެއް ފިޔަވަޅުތައްވެސް އަޅުގަނޑު މިދަނީ އަޅަމުން، އަދި ކުރިއަށްއޮތް ތަނުގައި އަޅުގަނޑު އިތުރު ފިޔަވަޅުތަކެއް އަޅާނަން." ޕްރޮސެކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވިއެވެ.
މި ފޯރަމްގައިގައި, ޝަރުޢީ ކޯޓުތައް ފިޔަވައި, ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކުގެ އިސްވެރިން ބައިވެރިވާ ޕެނަލް ޑިސްކަޝަންއެއް ކުރިއަށްގެންގޮސްފައިވެއެވެ.
މި ޕެނަލް ޑިސްކަޝަންގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުރުން ހޯމް މިނިސްޓަރާއި, ބަންޑާރަނާއިބާއި, ޕޮލިސް އަދި ކަރެކްޝަންސް ކޮމިޝަނަރުންނާއި, ދިފާއީ ވަކީލު ޙަމްޒާ ލަތީފް އަދި ބާ ކައުންސިލްގެ މެންބަރު އިބްރާހީމް ޝަމީލް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދެއްކެވި އިދާރާތަކުގެ އިސްވެރިންވަނީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގައި ޙައްލުކުރަންޖެހޭ މައްސަލަތަކެއް ހުރިނަމަވެސް, މިހާރު ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންނަކީ ކޮންމެހެން ބަންދުގައި ބައިތިއްބަންޖެހޭ ސަބަބުތަކެއް ހުރެގެން ބަންދުގައި ތިބި ބައެއްކަމަށް އިއްތިފާޤުވެފައެވެ.
މި ފޯރަމްގެ ޕެނަލް ޑިސްކަޝަން މީޑިއާއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ނަމަވެސް, ފަންނީ މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ މީޑިއާއަށް ހުޅުވާނުލައެވެ. މި ފޯރަމުގެ މަޤްޞަދުތަކުގެ ތެރޭގައި ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކަށް ދިމާވާ މައްސަލަތައް ދެނެގަތުމާއި, އެ މައްސަލަތައް ހައްލުކުރުމަށްޓަކައި މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކުރެވެންހުރި ކަންކަން ދެނެގަތުމާއި, މި މައްސަލަތަކަށް ނިޒާމީ އަދި ވަށާޖެހޭ ހައްލެއް ހޯދުމަށްޓަކައި ދުރު ރާސްތާގައި ކުރެވެންހުރި ކަންކަން ދެނެގަތުން ހިމެނެއެވެ.
މި ފޯރަމްގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ޝަރީޢަތްތައް އަވަސްކުރުމަށް މަގުފަހިކުރުމަށްޓަކައި, އިދާރާތަކުންއަޅާނެ ފިޔަވަޅުތަކާއި, ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ ބަދަލުގައި, މޮނިޓަރ ކުރެވޭނެ ގޮތަކަށް ބަންދުން ދޫކޮށްލުމަށް ހުރި ފުރުޞަތުތަކާއި, އެކަމަށް އިދާރާތަކުން ތައްޔާރުވެފައިވާ މިންވަރާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ, މި ފޯރަމްގައި ކުރެވުނު ފަންނީ މަޝްވަރާތަކުން, އިދާރާތަކުން އެންޑޯޒްކޮށްފައިވާ ޙައްލުތައް ތަންފީޛު ކުރެވޭކަން އެ އޮފީހުން ކަށަވަރުކުރާނެކަމަށެވެ.