ޚަބަރު

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް، މަސައްކަތް ކުރިއަށްގެންދާނެގޮތުގެ މަގުޗާޓެއް އެކުލަވާލަނީ


  • ހިރިމަރަދޫ އަކީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް

  • ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައިވަނީ މިދިޔަ އަހަރު

  • މަސައްކަތް ކުރާނެގޮތުގެ މަގުޗާޓް އެކުލަވާލައި، ޢަމަލީ މަސައްކަތް ލަސްތަކެެއް ނުވެ ފަށާނެ

ހދ. ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްގެންދާނެގޮތުގެ މަޝްވަރާތައް ސިޓީތަކާއި އިދާރީ ދާއީރާތަކާއި އާއްމު ޚިދުމަތްތަކާބެހޭ ވަޒީރާއިން ފަށައިފިއެވެ.

ހދ.ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި މިމަޝްވަރާތައް އޮކްޓޯބަރު މަހުގެ ތެރޭގައިވަނީ ފަށަފައެވެ. އަދި ސަރުކާރުން މިހާރު ވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވާފައެވެ.

މިކަމާއި ގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއީރާތަކާއި އާއްމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެގޮތުގެ މަޝްވަރާތައް ފަށާފައިވާކަމަށެވެ. އަދި މަސައްކަތް ކުރާނެގޮތުގެ މަގުޗާޓް އެކުލަވާލައި، ޢަމަލީ މަސައްކަތް ލަސްތަކެެއް ނުވެ ފަށާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހިރިމަރަދޫ އަކީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެގޮތުން އެންމެ ފަހުގެ ބޯހިމެނުމުން ދައްކާގޮތުގައި އެރަށުގެ އާބާދީއަކީ، 293 އެވެ.

ސަރުކާރުގެ ޢަމާޒަކީ މާލެއަށް ބަރޯސާނުވެ އަތޮޅުތަކުންވެސް ޒަމާނީ ޚިދުމަތްތައް ލިބޭނެ ގޮތަށް ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް އަރބަން ސެންޓަރެއް ތަރައްޤީކުރުމެވެ. މިއާއެކު ކުދި ރަށްރަށުގެ ރައްޔިތުންވެސް މިފަދަ ފުރުޞަތުތައް އޮތް ރަށްރަށަށް ޝަޢުގުވެރިކަން އިތުރުވެ، އެ ރަށްރަށަށް އަމިއްލަ އިޚްތިޔާރުގައި ހިޖުރަކުރުމުގެ ފުރުޞަތު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވެސްވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މިމަސައްކަތްތައް ކުރިއަށްދާއިރުވެސް ކުދި އާބާދީ އޮތް ރަށްރަށަށް ބޭނުންވާ ޚިދުމަތްތައްވެސް ފުރިހަމައަށް ޤާއިމުކޮށްދެއްވާނެ ކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.