އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެސްޓަން ވިލާގެ ކޮލަމްބިއާ ފޯވަޑް ޖޯން ދުރާން ސައުދި އަރަބިއްޔާގެ އަލް ނަސްރަށް ބަދަލުވެއްޖެ އެވެ.
އުމުރުން 21 އަހަރުގެ ދުރާން އަލް ނަސްރަށް ބަދަލުވެފައިވާ އަގު ރަސްމީކޮށް އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވި ނަމަވެސް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ބަދަލުވެފައިވަނީ 77 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އެއްގެ އިތުރުން އިތުރު އެޑްއޮން ހިމެނޭ ގޮތަށެވެ.
މިއީ އެސްޓަން ވިލާގެ ތާރީޚުގައި އެ ކްލަބުން ކުޅުންތެރިއަކު ވިއްކާލި ދެވަނައަށް އެންމެ އަގުބޮޑު ޓްރާންސްފަރ ފީ އެވެ. މީގެ ކުރިން 2021 ވަނަ އަހަރު ޖެކް ގްރީލިޝް މެންޗެސްޓަރ ސިޓީ އަށް އެ ކްލަބުން ވިއްކާލާފައިވަނީ 100 މިލިއަން ޕައުންޑް ނުވަތަ 124 މިލިއަން އެމެރިކާ ޑޮލަރުގެ ފީއަކަށެވެ.
ދުރާން އެސްޓަން ވިލާ އާއި ގުޅިފައިވަނީ 2023 ވަނަ އަހަރު ޝިކާގޯ ފަޔާ އިން 18 މިލިއަން ޕައުންޑުގެ ފީ އަކަށެވެ. އެސްޓަން ވިލާ އަށް މިހާތަނަށް ދުރާން ކުޅެދިން 78 މެޗުން ޖުމްލަ 20 ލަނޑު ޖަހާފައިވާއިރު މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އޭނާ ކުޅުނު 29 މެޗުގައި ވަނީ 12 ލަނޑު ޖަހާފަ އެވެ. މީގެ ތެރެއިން ގިނަ ލަނޑުތަކަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ އޭނާ ޖަހާފައިވާ ލަނޑުތަކެވެ.
އުނެއި އެމްރީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އެސްޓަން ވިލާ އިން ދުރާން ވިއްކާލުމުގެ ކުރިން އެއްވެސް ކުޅުންތެރިއަކު ވިއްކާލަން ބޭނުން ނުވާކަމަށް ކޯޗު ވަނީ ކުރިން ބުނެފަ އެވެ. ނަމަވެސް އެ ކުޅުންތެރިން ވިއްކާލައިފިނަމަ ކްލަބަށް މާލީ ގޮތުން ބޮޑު ފައިދާއެއް ވާނެ ކަމަށާއި މިއީ ވިޔަފާރިއެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
މީގެ ކުރިން އެސްޓަން ވިލާގެ އޮލީ ވޮޓްކިންސް ހޯދުމަށް ޕްރިމިއާ ލީގުގެ އާސެނަލް އިން މަސައްކަތް ކުރި ނަމަވެސް އޭނާ ނުވިއްކާނެ ކަމަށް މިހާރު އެ ކްލަބުން ވަނީ ބުނެފަ އެވެ.
ކޮލަމްބިއާގެ ގައުމީ ޓީމަށް 15 މެޗު މިހާތަނަށް ކުޅެފައިވާ ދުރާން އެސްޓަން ވިލާ ދޫކޮށް ސައުދި އަރަބިއްޔާގެ އަލް ނަސްރާއި ގުޅިފައިވާއިރު އެ ކްލަބަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސެނެގާލްގެ ސަޑިއޯ މާނޭވެސް ކުޅެމުންދާ ކްލަބެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ދުރާން އެސްޓަން ވިލާ ދޫކޮށްލަން ބޭނުންވީ އެ ކްލަބުގައި އޭނާއަށް ކުޅެން ލިބޭ ފުރުސަތު މަދުވުމުގެ ސަބަބުންނެވެ.