ޚަބަރު

ޑޮލަރު ސިޔާސަތުގެ ކަމިޔާބީއާއެކު، ރައީސްގެ ދެއްވީ ޤާނޫނު ތަންފީޒުވާނެ ކަމުގެ ޔަޤީންކަން


  • ހޯމަ ދުވަހުގެ ނިޔަލަށް 25 މިލިއަން ޑޮލަރު މާރުކޮށްފި

  • ރައީސް ވިދާޅުވީ ވަކިވިޔަފާރިއަކަށް ނުބަލާ ޤާނޫނު ތަންފީޒު ކުރާނެ ކަމަށް

ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. ނިޒާމުގެތެރޭގައި ގިނަ މައްސަލަތަކެއް ހުރި އިރު، މިކަމުގައި އެންމެ ބޮޑު ބުރައެއް އުފަލަން ޖެހިފައި އޮތީ އާއްމު ރައްޔިތުންނަށެވެ. ޑޮލަރު ހޯދުމަށް ކަޅު ބާޒާރަށް އޮތީ ބަރޯސާވާން ޖެހިފައެވެ. ބޮޑު އަގުގައި ޑޮލަރު ގަތުމަށް ބޮޑު ހޭދައެއްވެސް ކުރަން ޖެހެއެވެ.

އަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވީ ޑޮލަރުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަޤީންކަމާއި އެކުއެވެ. އަދި މިވީ ކުރު މުއްދަތުގެތެރޭގައި ސަރުކާރުން މިވަނީ މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އާއި ސަރުކާރާއި ގުޅިގެން ރާއްޖޭގެ ފިސްކަލް ޕޮލިސީ އަދި މަނިޓަރީ ޕޮލިސީގެ ސިޔާސަތު އެއް ހަމަ ކުރުމުގެ މަސައްކަތް ފެށިއެވެ. މިމަސައްކަތުގެ ތެރެއިން ބޭރުފައިސާގެ ކަޅު ބާޒާރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަމާޒުހިފީ، 37 އަހަރުވެފައިވާ ބޭރުފައިސާއާއި ބެހޭ ޤަވާއިދަށް ބަދަލު ގެނެސްގެންނެވެ. މި ޤަވާއިދުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ޑޮލަރު އާމްދަނީން ބައެއް ރާއްޖޭގެ ހިންގަމުންދާ ބޭންކުތަކަށް މާރުކުރަން ލާޒިމްކުރެއެވެ.

މި ބަދަލުތަކާއިއެކު ދެން ގެނައި އެ ޤަވާއިދަށް ބާރުލިބޭ ޤާނޫނެކެވެ. އެގޮތުން ޤަވާއިދުގައި ހުރިކަންކަން ތަންފީޒުކޮށް އިތުރު ލުއިފަސޭހަތަކެއް ލިބޭގޮތަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އަދި އައު ޤާނޫނާއެކު ބޭރުފައިސާގެ އާމްދަނީ ލިބޭ އެހެނިހެން ސިނާޢަތްތަކުގެ ކުންފުނިތަކުން ބޭންކަށް ފައިސާ މާރުކުރަން ލާޒިމްކުރިއެވެ.

އެމްއެމްއޭއިން ބޭރުފައިސާގެ ޤަވާއިދަށް ގެނައި ބަދަލުތަކާއިއެކު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކަށް ބޭރުފައިސާ މާރުކުރަން ޖެހެއެވެ. އެގޮތުން ރިސޯޓުތަކުން 500 ޑޮލަރު މާރުކުރަން ޖެހޭއިރު ގެސްޓް ހައުސްތަކުން މާރުކުރަން ޖެހެނީ 25 ޑޮލަރެވެ. އެނޫންނަމަ ލިބޭ ބޭރުފައިސާގެ އާމްދަނީގެ 20 އިންސައްތަވެސް މާރުކުރެވިދާނެއެވެ.

ބޭރުފައިސާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެނެއި އިސްލާހުގެ ކާމިޔާބީއަކީ ރިސޯޓުތަކުން އެކަމަށް ދެމުންދާ އެއްބާރުލުންކަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

" މިހާރު މި ޖަނަވަރީ މަހު، މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އެ ފުރަތަމަ ބެޗުގެ ޑޮލަރު މާރުކުރުމުގެ ކަންތައް، ހަމަ ޖުމްލަކޮށް ވަރަށްމަދު ރިޒޯޓުތަކެއް ފިޔަވައި، ޖުމްލަކޮށް މުޅި ރާއްޖޭގައި އޮޕަރޭޓްކުރާ ހަމަ ގިނަ ރިޒޯޓުތަކުން އެކަމަށް ތަބާވެ، ޑޮލަރު މާރުކުރަމުން ދަނީ. މިހާތަނަށްވެސް، އެމް.އެމް.އޭ.ގެ ގަވަރނަރ އެންމެފަހުން އަޅުގަނޑަށް ދެއްވި މަޢުލޫމާތު އެއީ، މިދިޔަ ހޯމަ ދުވަހު ދެއްވި އަޕްޑޭޓްގައިވެސް 25 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރު ވަނީ ބޭންކުތަކަށް މާރުކޮށްފައި. އެއީ، އެއްމަހުގެ ތެރޭގައި. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަޤީޤަތުގައި މިބަދަލުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި ރައްޔިތުންނަށްކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިގޮތުން ދިވެހިން ބޭރަށް ދިއުމަށް ލިބޭ 500 ޑޮލަރު 1000 ޑޮލަރަށް މަތިކޮށްދިނުމާއި، ބޭރުފައިސާގެ މުޢާމަލާތްތަކަށް ކާޑު ލިމިޓު މަތިވުމުގެ އިތުރުން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޑޮލަރު ލިމިޓު މިކަމުގެ ސަބަބުން މަތިކޮށްދެވޭނެވެ. މިހާރު މިފަދަ ލިމިޓުތައް ހުންނަނީ ރާއްޖޭގައި އޮތް ޑޮލަރުގެ ތާށިކަމާއެކުގައެވެ. ނަމަވެސް ބޭންކުތަކަށް ޑޮލަރު މާރުކުރުމުން ރައްޔިތުންގެ ބޭނުންތަކަށް މި ފައިސާ ބޭނުން ކުރަން ހުރުމަކީ މިފަދަ ޤާނޫނަކާއި ޤަވާއިދެއްގެ ތެރެއިން ސަރުކާރުން ހާސިލްކުރަން ބޭނުންވާ އެންމެ މުހިންމު އަމާޒެވެ.

ރައްޔިތުންގެ ލާބައާއި މަންފާ އޮތް މިފަދަ ބޮޑު ޤާނޫނެއް ތަންފީޒު ކުރާނެކަންކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ،

"މިގޮތަށް ރަނގަޅަށް މިކަން ކުރިއަށްދާނަމަ، އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން ޤާނޫނު ފުރިހަމައަށް ތަންފީޛު ކުރާނަން. އެއްވެސް ވިޔަފާރިވެރިއަކަށް، މި ދެންނެވީ، އެ ޤާނޫނަށް ފޯލްވާ، އެ ޤާނޫނުގެ ދަށުން ޑޮލަރު މާރުކުރަންޖެހޭ ހަމަ އެއްވެސް ވިޔަފާރިވެރިއަކަށް އެއިން އަޅުގަނޑުމެން އިސްތިސްނާއެއް ނުދޭނަން. ކޮންމެ ރިޒޯޓެއް ކަމުގައިވިޔަސް، އަދި އެ ޤާނޫނުގެ ދަށުން ޑޮލަރު މާރުކުރަންޖެހޭ ކޮންމެ ފަރާތެއްވިޔަސް ޖެހޭނީ ހަމަ އެކަން ކުރައްވަން. ޤާނޫނާ އެއްގޮތަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޭރުފައިސާ ބޭންކުތަކަށް މާރުކުރަން ފެށުމުން، ފުރަތަމަ މަހުވެސް 40 މިލިއަން ޑޮލަރު ބޭންކިން ނިޒާމުގެ ތެރެއަށް ވަންނާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ލަފާކޮށްފައެވެ. އަދި ޤަވާއިދު ފުރިހަމައަށް ތަންފީޒުވާން ފެށުމުގެ މަޑުމަޑުން ރާއްޖޭގެ އޮތް ޑޮލަރުގެ ތާށިކަމަށް ލުޔެއް އަންނާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.