ޚަބަރު

މިދިޔަ އަހަރު އެސްޓީއޯއަށް 15 ބިލިޔަން ރުފިޔާގެ އާމްދަނީއެއް


  • މިދިޔަ އަހަރުގެ އާމްދަނީއަކީ 16 ބިލިޔަން ރުފިޔާ

  • ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާ

  • ސާފު ފައިދާގެ ގޮތުގައި 812 މިލިޔަން ރުފިޔާ ލިބިފައިވޭ

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 15 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ އެކުންފުނީގެ މާލީ ހިސާބުތައް ދައްކާގޮތުގައި 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 15 ބިލިޔަން ރުފިޔާ ލިބިފައިވާއިރު މި އަދަދަކީ 2023 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެގޮތުގައި ލިބުނު 16 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 6 އިންސައްތަ ދަށް އަދަދެކެވެ.

އެސްޓީއޯއިން ވިދާޅުވީ އެ ކުންފުނީގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމުން ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ.

މިދިޔަ އަހަރު އެސްޓީއޯގެ ހިންގުމުގެ ޙަރަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 8 އިންސައްތަ ވަނީ ދަށްކުރެވިފައެވެ. އެހެންނަމަވެސް ޖުމްލަ ފައިދާގެގޮތުގައި އެ ކުންފުންޏަށް ލިބިފައިވާ އަދަދު ވަނީ 2023 ވަނަ އަހަރާއި އަޅާ ބަލާއިރު 12 އިންސައްތަ ދަށްވެފައެވެ. އެގޮތުން 2023 ވަނަ އަހަރު އެސްޓީއޯއަށް ޖުމްލަ ފައިދާގެގޮތުގައި ލިބިފައިވަނީ 2.7 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރު ޖުމްލަ ފައިދާގެގޮތުގައި ލިބިފައިވަނީ 2.4 ބިލިޔަން ރުފިޔާއެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް ލިބިފައިވާ އާމްދަނީ ދަށްވުމާއެކު އެ ކުންފުންޏަށް ލިބިފައިވާ ހިންގުމުގެ ފައިދާއާއި ޓެކްސް ކެނޑުމަށްފަހު ލިބުނު ސާފުފައިދާ ދަށްވެފައިވާކަމަށްވެސް މާލީ ހިސާބުތަކުން ދައްކައެވެ. އެގޮތުން 2024 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 1.1 ބިލިޔަން ރުފިއާއެވެ. 2023 ވަނަ އަހަރު މި އަދަދު އުޅުނީ 1.2 ބިލިޔަން ރުފިޔާގައެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން އެސްޓީއޯއަށް ލިބިފައިވާ ސާފު ފައިދާއަކީ 812 މިލިޔަން ރުފިޔާއެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 19 އިންސައްތަ ދަށް އަދަދެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 717 މިލިޔަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ އެސްޓީއޯގެ މާލީ ތަފާސްހިސާބުތަކަށް ބަލާލާއިރު، އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި އެކުއާޓަރުގައި 3.8 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލައިއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ދަށުން ހިންގާ ވިޔަފާރިތައް ރަނގަޅުވެ އާމްދަނީ އިތުރުވަފެއިވުމެވެ. މިއާއިއެކު ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓަރާއި އަޅާ ބަލައި އިރު 8 އިންސައްތަ އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި 637 މިލިޔަން ރުފިޔާ ވަނީ ލިބިފައިވެއެވެ.

އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރުގެ ޖުމްލަ ފައިދާ ރަނގަޅު ވުމާއިއެކު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ވަނީ 218 މިލިޔަން ރުފިޔާ ލިބިފައެވެ.

އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ހިންގާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.